ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފެނިގެން ދަނީ ތިން ބާރު މިނިވަންކަމާ އެކު މަސައްކަތްކުރާތަން، މަންފާ ރައްޔިތުންނަށް ލިބޭނެ: ރައީސް

އިބްރާހިމް ޒަކީ

1

މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެން ދިޔައީ ދައުލަތުގެ ތިން ބާރު މިނިވަން ކަމާއެކު މަސައްކަތްކޮށް އެއްބާރު އަނެއް ބާރަށް އެހީތެރިވެ ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމަށާއި އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީގެ މި އުސޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށްވުރެ އަދި މާ އިތުރުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި އެމަނިކުފަނަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ބައިވެރިޔަކީ، ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހުނު ބަދަލުތައް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގެނެވުމަކީ، މިއަދު މި ދެކޭ އިޖުތިމާއީ ސުލްހަވެރިކަމުގެ ހަގީގީ ސިއްރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟