އިބްރާހިމް ޒަކީ
ރައްޔިތުންގެ ދެއްކި މިސްރާބަށް ދައުލަތް ހިންގުމުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެ މުހިންމު ބައިވެރިޔަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިހުސާސަކީ، ހަމަޖެހުމާއި ސުލްހަވެރިކަން އަޅުގަނޑުމެންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިހުސާސް ކަމަށެވެ. މިއަދު މިދެވޭ އިޖުތިމާތީ ސުލްހަވެރި ކަމުގެ ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވުނު މަސައްކަތްތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ސަރުކާރަށާއި އަޅުގަނޑަށް ލިބުނު އެންމެ މުހިންމު ބައިވެރިޔަކީ، މި އިއްޒަތްތެރި މަޖިލިސްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހުނު ބަދަލުތައް، މި މަޖިލީހުގެ ތެރެއިން ގެނެވުމަކީ، އަޅުގަނޑުމެން މިއަދު މި ދެކޭ އިޖުތިމާއީ ސުލްހަވެރިކަމުގެ ހަގީގީ ސިއްރު،" ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތް ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް 27 ބިލެއް ފާސްކޮށްދީފައިވާ ކަމަށެވެ.
އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އަދި މަޖިލިހުގެ އިއްޒަތްތެރި ހުރިހާ މެންބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.