ވެކްސިން ނުޖަހައި ސްކޫލަށް ނުފޮނުވައި ދަރީން ގެންގުޅުމަކީ މައިންބަފައިންނަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު ތަސްދީގުކޮށްފައި އޮތް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
"ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ، މިހާރު ތަސްދީގުކޮށްފައި އޮތް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ބަލާއިރުވެސް، މައިންބަފައިންނަށް އޮތް އިހުތިޔާރެއް ނޫން. އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދާނެ." ރައީސް ވިދާޅުވި އެވެ. މީގެ އިތުރަށް ކުޑަކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިދިޔަ މަހެއްހާ ދުވަސް ހޭދަކުރެއްވީ ވަރަށް ހިތްދަތި އިހުސާސްތަކެއްގެ ތެރޭގައި ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަހަރު ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ގިނަ މައްސަލަތަކެއް ރިޕޯޓް ކޮށް އޭގެތެރެއިން ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވުނު މައްސަލައަށް އިޝާރާތް ކުރައްވައެވެ.
އެގޮތުން ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިންގެ އަތުން ނަގައިފައިވެ އެވެ.
ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމް ކުރާ ގޮތަށް ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފާސްކޮށްފައެވެ.
އެބިލުގައި ބުނާގޮތުން ކުޑަކުދިން ބަލިތަކުން ސަލާމަތްވާން ޖަހަން ޖެހޭ ވެކްސިކް އެކުދިންނަށް ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އަދި ވެކްސިން ޖެހުމަށް ކުއްޖާގެ މައިންބަފައިން އުޒުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް މި ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ދަރިމައިވުމުން ކުރަން ޖެހޭ ފަރުވާގެ އިތުރުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއަކީ ކުއްޖާއަށް ލިބިގެންވާ ހައްގެއް ކަމަށް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި ކުއްޖާ ވިހައިގެން އެކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީވެސް ކުއްޖާގެ ހައްގެއްގެ ގޮތުގައި މި ބިލުގައި ކަނޑައަޅާފައި ވެއެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ވަނީ ލާޒިމް ކޮށްފައެވެ. ސަބަބަކީ މި ބިލުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާތީއެވެ.