އިބްރާހިމް ޒަކީ
މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ގާނޫނުއަސާސީގެ 84 ވަނަ މާއްދާއިން ލާޒިމް ކުރާ، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަން ތަރައްގީކުރަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. އަދި މަސްވެރިންނާއި އޮޑިވެރިންގެ އަމިއްލަ މަސައްކަތުން މަސްވެރިކަން ކުރިއަރުވައި ތަރައްގީކުރިއިރު، އެއާ ގާތްކުރާ މިންވަރަށް ވެސް މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ ރަނގަޅު ސިޔާސަތެއް ކުރީ ސަރުކާރުތަކުން ގެންގުޅެފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ ދަތިކަން ހައްލުކުރުމުގެ ގޮތުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެ ކަމަށެވެ.
އަދި މަސްވެރިންގެ ޝަކުވާއަކަށްވާތީ، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް، ލޭނު މަސްވެރިކަމަށް ދީފައި އޮތް ހުއްދަތައް، ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް، މިހާރު ބާތިލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރިގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް ވެސް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް، އަންނަ މާޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކާ އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިޔުމަށް ކަމަށެވެ.
މިގޮތުން، ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމުތައް، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން، މަސްވެރިކަން ކުރި އަރުވައި އާލާ ކުރުމަށާއި، މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ނަފާ ލިބި ދިނުމަށާއި، މަސްވެރިކަން ހިމާޔަތް ކުރުމަށް މި އަހަރުވެސް ގިނަ ގަވާއިދު ތަކަކާއި އުސޫލުތަކެއް ގާއިމް ކުރުމަށް ވަނީ ހަމަޖައްސާފައެވެ.