ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެ އަހަރުގެ ކުއްޖާއަށް ޖިންސީގޯނާ ކުރުމަށް މަގުފަހިވީ ދައުލަތުގެ އިދާރާތަކުން އިހުމާލުވުމުން: ރައީސް

އައިދާ އަބްދުލް ހަކީމް

1

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް މަގުފަހިވީ ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވެފައި ވުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ މިދިޔަ މަހެއްހާ ދުވަހު އަޅުގަނޑުމެން ހޭދަކުރީ ވަރަށް ހިތްދަތި އިހްސާސްތަކެއްގެ ތެރޭގައި ކަމަށެވެ. އުމުރުން އެންމެ ދެ އަހަރު ނުވާ މައުސޫމް ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިހްސާސްތަކުގެ ތެރޭގައި ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތު ކުރެވޭ ބައެއް މީހުންނާ، އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށެވެ. އަދި ދައުލަތުގެ ބައެއް އިދާރާތަކުގެ އިހުމާލު އެކަމުގައި އެބައޮތް ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި ބައެއް މައްސަލަވެސް ނުނިމި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޝަރުއީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހު 20 ގައި އަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގާނޫނު ގާނޫނު ފާސްކުރީ، ކުރީގެ ސަރުކާރުތަކުން އެ ގާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ، ދިގު 28 އަހަރަށް ފަހުގައިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟