ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕޯޓަލަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 120 މައްސަލަ ވަނީ ތަހުގީގީ އިދާރާތަކަށް ފޮނުވައިފަ: ރައީސް

އިބްރާހިމް ޒަކީ

ކޮރަޕްޝަން މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމް ކުރި ވިސްލްބްލޯވާ ޕޯޓަލްއަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަ ތަކުގެ ތެރެއިން 120 މައްސަލަ މިހާރު ވަނީ ތަހުގީގީ އިދާރާތަކަށް ފޮނުވާފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް، ގާއިމުކުރި ވިސްލްބްލޯވަރ ޕޯޓަލްއަށް، މިދިޔަ އަހަރު މައްސަލަތައް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ވިދާޅެއް ނުވެއެވެ.

އެމަނިކުފާނު ވިދާޅުވީ ޕޯޓަލްއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، 120 މައްސަލައެއް ތަހުގީގީ އިދާރާތަކަށް ފޮނުވާފައި ވާކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ މާލީ ކަންކަން، ދެފުށް ފެންނަ އުސޫލުން ކުރިއަށް ގެންދިޔުމުގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މާލީ ހާލަތާއި ފައިސާގެ ހިސާބުތައް، މިދިޔަ އަހަރުން ފެށިގެން އާއްމު ކުރަމުން އަންނަ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ފައްޓަވައިފައެވެ.

އެގޮތުން ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭންގެ ނަމުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ހުރިހާ ދާއިރާއަކަށް އަމާޒު ކުރައްވައިގެން ކެމްޕެއިނެއް ފައްޓަވައިފައެވެ.

ވިސްލްބްލޯވާ ޕޯޓަލް އަކީވެސް އެކަމަށްޓަކައި ރައީސްގެ އިސްނެންގެވުމުގެ މަތިން ގާއިމް ކޮށްފައިވާ ވސީލަތެކެވެ. ކޮންމެ ތަނަކުންވެސް ކޮރަޕްޝަނަށް ޝައްކު ކުރެވޭ ކަމެއް ފެނިއްޖެ ނަމަ އެކަމެއް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އަދި އެ މައްސަލަ ހުށަހަޅާ ފަރާތް ބޭނުންވެއްޖެ ނަަމަ އެކަން އޮންނަނީ ސިއްރު ކުރެވޭ ގޮތަށެވެ.