ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން 56 ބިލެއް މަޖިލީހަށް ފޮނުވާނަން: ރައީސް

އިބްރާހިމް ޒަކީ

މިއަދު ފެށޭ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަަށް ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަދު ފެށުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދަރުރަށް ސަރުކާރުން ފޮނުވާ ބިލު ތަކުގެ ތެރޭގައި ހިމެނެނީ، މިހާރު އަމަލުކުރަމުން އަންނަ ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ 24 ބިލް ކަމަށެވެ.

އެ ބިލުތައް ފާސްކުރުމުގައި، މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާތަނަށް، 27 ބިލް ފާސްކޮށްދެއްވާފައިވާ ކަމަށެވެ.

"އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، މަޖިލީހުގެ އިއްޒަތްތެރި ނައިބު ރައީސް އީވާ އަބްދުﷲ އަށް އަދި އިއްޒަތްތެރި ހުރިހާ މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން ދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން، މިއަދުގެ ޖަލްސާގައި ރިޔާސަތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިދިޔަ އަހަރު މަޖިލީހުގެ މެންބަރުން ކުރެއްވި މަސައްކަތް ފާހަކަ ކުރެއްވި ކަމަށް ޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށާއި، މިއަހަރުވެސް ރައްޔިތުންނަށާއި ގައުމަށް ފައިދާހުރި ހުރިހާ ކަމެއްގައި ސަރުކާރަށް އެއްބާރުކުން ދެއްވައި ކަމާބެހޭ ބިލްތަކުގެ މަސއްކަތް މަޖިލީހުން ކުރިއަށް ގެންދަވާނެ ކަމަށެވެ.