އިބްރާހިމް ޒަކީ
ކޮރޯނާ ވައިރަހަށް އެކަކުވެސް ރާއްޖެއިން ޕޮސިޓިވް ނުވާ ކަމަށް ރައީސުލްޖުމްޖހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހުށަހަޅުއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވިގެން ލެބޯޓަރީ ޓެސްޓް ހެދުމަށް މިހާތަނަށް ރާއްޖެއިން ބޭރަށް ފޮނުވި ހުރިހާ ދިވެހިންގެ ސާމްޕަލްތަކުގެ ނަތީޖާ، ރޭގެ ވަގުތެއްގައި ލިބިވަޑައިގެންފައިވާ ކަމަށެވެ.
މާތްﷲގެ ހެޔޮ ރަހުމަތްފުޅުން، އޭގެތެރެއިން އެކަކުވެސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ބައްޔަށް ޝައްކު ކުރެވިގެން ލެބޯޓަރީ ޓެސްޓް ހެދުމަށް މިހާތަނަށް ރާއްޖެއިން ބޭރަށް ފޮނުވި ހުރިހާ ދިވެހިންގެ ސާމްޕަލްތަކުގެ ނަތީޖާ، ރޭގެ ވަގުތެއްގައި އަޅުގަނޑަށް ވަނީ ލިބިފައި. މާތްﷲގެ ހެޔޮ ރަހުމަތްފުޅުން، އޭގެތެރެއިން އެކަކުވެސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައެއް ނުވޭ. މި ނުރައްކާތެރި ވަބާއިން އެންމެހައި ދިވެހިން މިންޖުކުރެއްވުން އެދި ﷲގެ ހަޒްރަތުގައި ދުއާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދު މުޅި ދުނިޔެއަށް ހިޔަނި އަޅަމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާ، ރާއްޖެއަށްވެސް އެބައޮތް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް އަޒުމެއްގައި މަސައްކަތް ކުރަމުން އަންނަނީ، ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކަމަކީ އިގުތިސާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެހެންކަމުން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަގުވާމީ ބައެއް ދަތުރުތައް މެދުކަނޑައިލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތީ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާއިން އަންނަ ފްލައިޓްތައް ރާއްޖެއަށް އައުން ހުއްޓައިލުމުގެ އިތުރުން ޗައިނާއިން ރާއްޖެއަށް މީހުން އައުންވެސް ސަރުކާރުން މިހާރު ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކ.ފުނަދު އާއި، ފަރުކޮޅުފުށީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާއަށް ހާއްސަ އާރަށް ވެސް ކަނޑައަޅާފަ އެވެ.