މާލޭގެ މޭޔަރުގެ ގޮނޑި ދިފާއު ކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު އެ އިންތިހާބާ މެދު ސުވާލު އުފައްދަވައިފި އެވެ.
އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ޝިފާގެ މައްޗަށް ކުރި ހޯއްދެވީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަނަސް އެ އިންތިހާބު ކާމިޔާބުކުރެއްވީ 200އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް އެ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ކައުންސިލް މެންބަރު އަހުމަދު ނިޔާޒްވެސް ވާދަކުރެއްވިއެވެ.
އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނަސް އަށް 1،025 ވޯޓު ލިބިވަޑައިގަތެވެ. ޝިފާ އަށް ލިބިވަޑައިގެންނެވީ 835 ވޯޓެވެ.
ޕްރައިމަރިއަށް ފަހު ޝިފާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބުގެ ވަކި ފޮއްޓެއްގެ ވޯޓު ނެގުން އަލުން ބާއްވަން ޖެހޭ ނަމަ އެކަން ސާފުކޮށް ދޭން ޖެހޭ ކަމަށާއި، އިންތިހާބެއްގައި ފޮށި ނަގައިގެން ދާން ޖެހޭ ހިސާބަށް ދާނީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނުވަތަ ގޯހެއް ހުރުމުން ކަމަށެވެ.
"ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ފޮށި ނަގައިގެން ދާން ޖެހޭ ހިސާބަށް އެ ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނޫން ނަމަ ގޯހެއް ހުރީމަ،" ޝިފާ ވިދާޅުވިއެވެ.
މޭޔަރު ޝިފާ މިހެން ވިދާޅުވެފައިވާއިރު، ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް އެކުލެވޭ ކަމަށް ބައެއް މީހުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އިއްޔެ ވަނީ ގދ. ރަތަފަންދޫ ކައުންސިލަށް ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީގައި ވޯޓުން "ވައްކަން" ކޮށްފައިވާ ކަމުގެ ތުހުމަތާ އެކު، އެ ދާއިރާގެ ވޯޓު ބާތިލު ކޮށްދޭން ކެންޑިޑޭޓުންގެ ފަރާތުން އެދިފައެވެ.