ޚަބަރު

ހަތަރު ގައުމަކަށް ގުޅުމަށް އުރީދޫން ހާއްސަ އަގުތަކެއް

އަލީ ޔާމިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ހަތަރު ގައުމަކަށް ގުޅޭ އަގު އުރީދޫން ހެޔޮ ކޮށްފިއެވެ.

އުރީދޫން ގުޅުމަށް ހާއްސަ ރޭޓުތަކެއް ކަނޑައެޅީ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ އާއި ތައިލެންޑުގެ އިތުރުން މެލޭޝިއާ އަދި ސިންގަޕޫރަށެވެ.

އުރީދޫން ބުނީ، އެ ހަތަރު ގައުމުގައި ތިބި އެކުންފުނީގެ ކަސްޓަމަރުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް މިހާރު މިނެޓަކަށް އެއް ރުފިޔާ، ފަންސާސް ލާރިއަށް ގުޅޭނެ ކަމަށެވެ. އެ އަގުގައި ގުޅޭނީ އަަންނަ ހަފްތާގެ އާދީއްތަ ދުވަހާ ހަމައަށް ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫން މީގެ ކުރިންވެސް ވަނީ އެކި ހާލަތްތަކާ ގުޅިގެން ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ހެޔޮ އަގުގައި ގުޅޭނެ ގޮތް ހަމަޖައްސައިދީފައެވެ.

މިހާތަނަށް ވެސް ފަރުވާއެއް ހޯދިފައި ނެތް ކޮރޯނާ ވައިރަސް ޗައިނާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރެމުންދާއިރު، އެބަލީގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 14000 އަށްވުރެ ގިނަ މީހުންނަށް އެބަލި ޖެހިފައިވާއިރު ޗައިނާއިން ބޭރުން 140 އަށްވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް ވަނީ ފެނިފައެވެ.