ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
މިއީ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޔުނިސެފްގެ އެމްބެސެޑަރުކަން ވެސް ކުރައްވާ މެޑަމް ފަޒްނާ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް ވިދާޅުވީ، މެޑަމް ފަޒްނާ އާއި ރައީސް ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ނިންމުން ލަސްވެފައިވާތީ އެކަމަށް ހައްލު ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ޒިޔާއު ވިދާޅުވިއެވެ.