ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދްވެސް ބަންދުގައި ބެހެއްޓަން އަމުރުކޮށްފިއެވެ.
އެ އެންމެންވެސް ބަންދުގައި ބޭތިއްބުމަށް ހުކުމް ކުރީ މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
މައުމޫނާއި ފާރިސް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ދޫކޮށްލުމަށް އެ ތިން ބޭފުޅުންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެދިފައިވާ އިރު، އޭގެ ތެރެއިން ނަދީމް ވަނީ މިރޭ ދޫކޮށްލައިފައެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދަކީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައެވެ.
އެ ތުހުމަތުތައްކޮށް މައްސަލައިގެ ތަހުގީގު ފެށީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި އަމުރެއް ނެރުއްވުމާ ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރުމާއެކު، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްފައެވެ.
ފާރިސްއާއި މައުމޫން އަދި ދެ ފަނޑިޔާރުންގެ އިތުރުންވެސް މިރޭ ވަނީ ގިނަ ސިޔާސީ ހައްޔަރީންތަކެއް ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެ ތެރެއިން ކުރީގެ ޕޮލިސް ކޮމިޝަނާ އަހްމަދު އަރީފާއި، ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒުވެސް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އޭގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް މިރޭ ވަނީ ބަންދުން ދޫކޮށްލައިފިއެވެ.