އަލީ ޔާމިން
ކީރިތި ޤުރުއާނަކީ އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެއްވެސް އިރެއްގައި ވިސްނާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކީރިތި ޤުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެ މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، ހުލްގު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށް ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، ރާއްޖޭގެ އާ ގައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެން ދިއުމާއެކު، ގުރޭޑް 1 އިން 10 އާހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދޭ ގޮތައް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް ހަތަރަކުން މުޅިން އަލަށް ތަންފީޒު ކުރެވިގެންދިއުމާއެކު، މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ގުރޭޑް ނުވައެއްގައި ކިޔަވާދޭން ފެށިފައިވާއިރު މިއަހަރު ގުރޭޑް 10ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ސުކޫލުތަކުގެ ދަރިވަރުންނަށް ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތައް ފަތުރަމުންދާތީއެވެ.