ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2020 ފެބްރުއަރީ އެއްވަނަ ދުވަހު ހުޅުމާލެ ފްލެޓެއްގައި ދިރިއުޅޭ މީހަކަށް މަރުގެ އިންޒާރު ދޭކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން، އިތުރު މައުލޫމާތު ސާފުކުރުމަށް ފުލުހުން އެ ފްލެޓަށް ދިޔަކަމަށެވެ.
ފުލުހުން އެ ފްލެޓުގެ އެޕާޓްމެންޓެއްގައި ތިއްބައި އެ ގެއަށް ދެ މީހަކު ދަނޑިބުރިއެއް ހިފައިގެން މާރާމާރީ ހިންގުމަށް ދިއުމުން، ފުލުހުން ވަނީ އެ ދެމީހުން އެ ގޭ ތެރެއަށް ނުވަދެވޭނެހެން ބޭރުގައި މަޑުކުރުވާފައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކޮށްފައި ކަމަށާއި، ނަމަވެސް އެ ދެމީހުން އެއިރު ތިބީ މަސްތުގެ ހާލަތުގައިކަމަށް ބެލެވޭތީ، ފުލުހުން އެމީހުން ގާތު ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، އެތަނުން އެއް ފުލުހަކަށް މަރުގެ އިންޒާރުދީ އޭނާގެ ގަޔަށް ވަޅި ހަރާނެ ކަމަށް ބުނެ ފުލުސް މީހާގެ ގަޔަށް އަތްލައި އޭނާއާއި މެދު މާރާމާރީ ހިންގަން އުޅުމުން، ފުލުހުން ވަނީ އެ ރޭ 03:50 ހާއިރު އެ ދެމީހުން ހައްޔަރުކޮށްފައި ކަމަށެވެ
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެ ދެ މީހުން ފުލުހުން ފޮޅުވާލައި، ގަދަ ދެއްކުމުގެ ސަބަބުން، ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި ކަމަށެވެ.
މީގެ އިތުރުން އެ ދެމީހުން ބިޑިއަޅުވަން މަސައްކަތް ކުރި ގަޑީގައި އެތަނުން އެކަކު ވެއްޓި ބިންމަތީގައި ބޯ ޖެހުމުގެ ސަބަބުން ބޯ ދުޅަވެފައިވާ ކަމަށާއި، އެރޭ 03:55 ހާއިރު އެ ދެމީހުން ވަނީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ‘އާފްޓަރ ކެއަރ' ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ބޮލަށް އަނިޔާވި މީހާ ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އަންނަނީ ތަހުގީގު ކުރަމުންނެވެ.