ޚަބަރު

ނިސްބަތުން މިއަހަރު ރަށް ގިރުމުގެ މައްސަލަތައް ގިނަ، ބައެއް ރަށްރަށުން 30 ފޫޓު ގިރާފައިވޭ: މިނިސްޓަރު

ނިސްބަތުން މި އަަހަރު ރަށްރަށުގައި ގިރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިރުވައިހަޅަ ދިގުލާ ދިމުމުން ގިރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެ މައްސަލަ ހުރިހާ ރަށަކަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ އަތިރިމަތީގައި ހުންނަ ގަހާއި ރުއް ވެއްޓި، ގޮނޑުދޮށް ގިރާފައިވާއިރު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ބައެއް ރަށްރަށުން 30 ފޫޓް ގިރައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުތުރަށް މި ކުރި ދަތުރުގައި 30 ރަށަކަށް ޒިޔާރަތް ކުރިން. އޭގެތެރޭގައި މީހުން ދިރިއުޅޭ ރަށްރަށާއި މީހުން ދިރިނޫޅޭ ރަށްރަށް ވެސް ހިމެނޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއް ކަމަކީ މީ ހުރިހާ ރަށަކަށް އުދައިގެ އަސަރާއި ރަށް ގިރުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވަރަށް ބޮޑު ގެއްލުން ނިސްބަތުންވެފައިވާކަން. ބައެއް ރަށްރަށުން ހަމަ ވިއްސަކަށް ތިރީހަކަށް ފޫޓް ގިރައިގެން ގޮސްފައިވޭ، " މިނިސްޓަރު ހަސަން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައެއް ރަށްރަށުގައި ބަނދަރު ހެދިފައިވާ ގޮތުން ވެސް ރަށް ގިރަމުންދެއެވެ. އެގޮތުން ރަށުގެ އެތެރެއަށްވާ ގޮތަށް ބަނދަރު ހެދުމުން ބަނދަރަށް ވެލި އެޅުމާއި ބަނދަރުން ނަގާވެލި ގޮނޑުދޮށަށް އެޅުމުގެ ބަދަލުގައި އެރަށުގެ އުމްރަނީ ތަރައްގީއަށް ބޭނުން ކުރުން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނަހަދައި ރަށު ކައުންސިލުން ބޭނުންވިޔަސް ގޮނޑޮދޮށްތައް ގިރުން ހައްލުކުރުމުގެ މަސައްކަތް ނުފެށޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ތިމާވެއްޓަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި ހުންނަޖެހޭ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ރަށު ފެންވަރުގައި އެންވަޔަރަމަންޓް ކްލިއަރެންސް ހޯދައިގެން އެކަން ކުރުމުގެ އިންތިޒާމް ހަމަޖައްސައި، އަތޮޅު ފެންވަރުގަޔާއި ރަށު ފެންވަރުގައި އެކަން ހައްލުކުރުމުގެ ވަސީލަތް ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި 123 ރަށަކުން ރަށްގިރުމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 25 ރަށެއްގެ ރަށް ގިރުމުގެ މައްސަލަ ދިރާސާކޮށް، 44 ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.