ޚަބަރު

ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދެނީ

ކޮރޯނާވައިރަސްއާ ގުޅިގެން ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮރޯނާވައިރަސްއާ ގުޅިގެން ކަރަންޓީނު ކުރެވޭ މުވައްޒަފުން، ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭތީ އެ ދުވަސްތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"ދުނިޔޭގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ރޯގާއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅެއްގެ ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ކަރަންޓީނުކުރުމަށް ނިންމަވާފައިވާތީ، މި ރޯގާއާ ގުޅިގެން ކަރަންޓީނު ކުރެވޭ ސިވިލް ސާވިސްގެ މުވައްޒަފުން، ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުމަށް ކޮމިޝަނުން ވަނީ ނިންމައިފައެވެ..،" ސިވިލް ސާވިސް ކޮމިޝަނުގެ ސާކިއުލާގައި ބުނެފައިވެއެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ކަރަންޓީނު ކުރެވޭ މުވައްޒަފުން ކަރަންޓީނު ކުރެވޭ މުއްދަތަށް ޗުއްޓީގެ ކަންތައްތައް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ހަމަޖައްސައިދިނުމަށް ދަންނަވާ ކަމަށެވެ.

ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން މިހާތަނަށް ކަރަންޓީނު ކޮށްފައި ހުރީ އެންމެ މީހެކެވެ. އެއީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޗައިނާއަށް ޒިޔާރަތްކުރި އެ ޒުވާނާ ކަރަންޓީނުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މާދަމާގެ ވަގުތެއްގައި އޭނާގެ ޓެސްޓު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.