ޚަބަރު

އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުން ހިޝާން ދުރުކޮށްފި

އިބްރާހިމް ޒަކީ

ނިކަމެތިންނާއި ނުކުޅެދޭ މީހުންނަށް އެހީވަމުން އައި ގ.ނީރުވީކް އަހުމަދު ހިޝާން އަށް ދައުލަތުން ދީފައިވާ "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަމުން އޭނާ ދުރު ކޮށްފިއެވެ.

"އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަމުން އޭނާ ދުރު ކުރިކަން ހާމަ ކޮށް، ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ، އިޖުތިމާއީ ގޮތުން ހިދުމަތް ކުރެއްވުމަށްޓަކައި އޮނަރަރީ މަގާމު ތަކުގައި ހުންނަވާ ފަރާތްތަކަކީ، ނަޒާހަތްތެރި، އަދި އާއްމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށެވެ.

ނަމަވެސް އަހުމަދު ހިޝާން އާ ގުޅުން ހުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ އޮނަރަރީ މަގާމުން ހިޝާން މިއަދު ދުރުކޮށްފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ އެ ބަޔާނުގައި ބުނެފައެވެ.

"އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަން ހިޝާން އަށް ދެއްވީމ ބައިނަލް އަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނެއް ޑިސެމްބަރު 2019 ގައި ބޭއްވި ރިވެލި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

"އިޖުތިމާއީ ގޮތުން ހިދުމަތް ކުރެއްވުމަށްޓަކައި އޮނަރަރީ މަގާމު ތަކުގައި ހުންނަވާ ފަރާތްތަކަކީ، ނަޒާހަތްތެރި އަދި އާއްމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމުގައިވާއިރު، ބައިނަލް އަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނެއް ޑިސެމްބަރު 2019 ގައި ބޭއްވި ރިވެލި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަން އަރުވާފައިވާ ގ.ނީރުވީކް އަހުމަދު ހިޝާން އާ ގުޅުން ހުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބަލަމުންދާ ކަމުގެ މައުލޫމާތު މި މިނިސްޓްރީއަށް ލިބިފައިވާތީ، އެ އޮނަރަރީ މަގާމުން ގ.ނީރުވީކް އަހުމަދު ހިޝާން މިއަދު ވަނީ ދުރު ކޮށްފަ،" ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަމުން ހިޝާން ދުރުކޮށްފައިވާއިރު، ރާއްޛޭން ބޭރަށް ފުރަން އުޅެނިކޮށް، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

ހިޝާނާގެ މައްޗަށް ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދީފައި ނުވި ނަމަވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނަގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހިޝާންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ކުޑަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށެވެ.