ޚަބަރު

އެހެން ކުންފުނިތައް ފަދައިން އެމްޓީސީސީއަށް ވެސް ސަބްސިޑީ ލިބެންޖެހޭ: އާޒިމް

އައިދާ އަބްދުލް ހަކީމް

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެހެން ކުންފުނިތައް ފަދައިން އެމްޓީސީސީއަށް ވެސް ސަބްސިޑީ ލިބެންޖެހޭ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ފެރީ ހިދުމަތަށް 19 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެމްޓީސީސީ ވިލިނގިލީ ފެރީ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީއަކީ ބޮޑު ގެއްލުމެއްގައި ހިންގަމުންދާ ކުންފުންޏެއް ކަމަށާއި އެކަމުން އަރައިގަތުމަށް އެމްޓީސީސީއަށް ސަބްސިޑީ ލިބެންޖެހޭ ކަމަށެވެ.

"ސަރުކާރުންދޭ ސަބްސިޑީގެ ހިދުމަތް އެމްޓީސީސީއަށް ވެސް ލިބެން ޖެހޭ،" އާޒިމް ވިދާޅުވިއެވެ.

ދާދި ފަހުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވީ މިއަހަރު އެކަނިވެސް އާންމު ދަތުރުފަތުރުގެ ބައިން 70 މިލިއަން ރުފިޔާގެ ގެއްލުމުގައި ކުންފުނި ހިންގަމުންގެންދާ ކަމަށާއި ސަރުކާރާއެކު ވާހަކަދައްކައިގެން އެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެމްޓީސީއަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ހިދުމަތުގެ އަގު ބޮޑުކުރެވެން ނޯންނާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސަރުކާރުގެ އެހީ ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލުކުރެއްވީ ހުސްވި މަހުގެ 21 ވަނަ ދުވަހުއެވެ.