ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކެންސަލް ކުރި އަދަދަށް ވުރެ އަލަށް ހެއްދި ބުކިންގްސްގެ އަދަދު އިތުރު

އިބްރާހިމް ޒަކީ

2

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ދަތުރު ކުރާ ޑައިރެކްޓް ފުލައިޓުތައް ހުއްޓާލުމުން، ރާއްޖެ އައުމަށް ބުކިންސް ހަދާފައިވާ ފަތުރުވެރިންގެ ތެރެއިން 11،000 އަށްވުރެ ގިނަ މީހުންގެ ބުކިން ކެންސަލްކުރި ނަމަވެސް އަލަށް 24،000 އަށްވުރެ ގިނަ ފަތުރުވެރިން ބުކިން ހަދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ހާލަތާ ބެހޭގޮތުން، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 26 ޖެނެވަރީން ފެށިގެން މިއަދާ ހަމައަށް ގާތް ގަނޑަކަށް 11،115 ކެންސަލޭޝަން އެބައޮތް ކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި މުޅިން އާ 24،759 ބުކިންވެސް ރާއްޖެއަށް ލިބުފައި އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޖެނުއަރީ 26 އިން ފެށިގެން މިއަދާ ހަމައަށް ސްޓެޓިސްކަލީ މިދަނީ ބަލަމުން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ކެންސަލޭޝަން. އެގޮތުން މިހާރު ގާތްގަނޑަކަށް 11،115 ކެންސަލޭޝަން އެބައޮތް މި ދެންނެވި ޕީރިއަޑްގެ ތެރޭގައި. އެއީ ޖެނެއަރީ 26 އިން ފެށިގެން ދޭއް ފެބްރުއަރީއާ ހަމައަށް. ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގަ ޖުމުލަ 24،790 އާ ބުކިން ވެސް ރާއްޖެއަށް އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ކަންބޮޑުވުންތައް އޮތް ނަމަވެސް ހުސްވި އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަަދަދު އިތުރުވެ ފަތުރުވެރިކަން ކުރިއަށް ގޮސްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 1،51550 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 1،73874 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟