ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީ އާއި ހޯރަފުށީގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް ސޮއިކޮށްފި

އައިދާ އަބްދުލް ހަކީމް

އައްޑޫސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ.

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ މި މަޝްރޫއުގެ އަގަކީ، 2.49 މިލިއަން ޑޮލަރެވެ. ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ހެދުމަށްވެސް ދެގައުމުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫގެ އަގަކީ، 51،900 ޑޮލަރެވެ. މި ހަ މަޝްރޫއުގެ ޖުމުލަ އަގަކީ، 2.59 މިލިއަން ރުފިޔާ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ހަ މަޝްރޫއަކީ، އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް" (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫތަކުގައި ދިވެހި ސަރުކާރު ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، "ޓުއަރިޒަމް ތަރައްގީކުރުމުގެ އެމްއޯޔޫގެ ދަށުން އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ފަސް އިކޯ ޓޫރިޒަމް މަޝްރޫއު ހިންގުމަށް ވަނީ ހަމަޖެހިފަ" ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހު އޭރު އިންޑިއާގެ ހާރިޖީ ވުޒާރާއާ ހަވާލުވެވަޑައިގެން ހުންނެވި، ސުޝްމާ ސްވަރާޖް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެގައުމު ގުޅިގެން ހިންގޭ މިފަދަ މަޝްރޫއުތަކަށް ހާއްސަކޮށްގެން 5.6 މިލިއަން ޑޮލަރުގެ އެހީދޭން ވަނީ އިއުލާންކޮށްފަ އެވެ. މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، އެރަށެއްގެ ރަށު ކައުންސިލު ނުވަތަ އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

މި މަޝްރޫއު ތަކުގެ ސަބަބުން ހޯރަފުއްޓާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށާއި ހޯރަފުށީގައި ގާއިމުކުރާ ފެން ބަންދު ކުރާ ޕްލާންޓްގެ ސަބަބުން ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދުވެގެން ދާނެކަމަށް ސަރުކާރުން ދެކެއެވެ. މިއެއްބަސްވުމުގެ ދަށުން ހިތަދޫ، ފޭދޫ، ހުޅުދޫ، މީދޫ އަދި ހުޅުދޫގައި މަޝްރޫއުތައް ހިންގަމަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.