ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޗައިނާގައި ތިބި ދިވެހީންނާ މެދު ބަހައްޓާ ގާތްކަމަށް ޓަކައި ރައީސް ސޯލިހު ޝުކުރު އަދާކުރައްވައިފި

އަހުމަދު ވަޖީފު

ޗައިނާގައި ތިބި ދިވެހީންނާ މެދު ބަހައްޓަމުން އަންނަ ގާތް ކަމަށް ޓަކައި ރާއްޖެއަށް އެ ގައުމުން ކަނޑައަޅާފައި ހުންނަ ސަފީރަށާއި ޗައިނާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީގައި ތިބި ހަތް ދިވެހީން މިއަދުގެ ވަގުތެއްގައި ސަލާމަތްތެރިކަމާ އެކު އިންޑިއާގެ ވެރިރަށް ދިއްލީއަށް ގެންދެވުމާ ގުޅިގެން، ކުރެއްވި ޓުވީޓެއްގަ އެވެ.

"ކޮރޯނާ ވައިރަސް ފެތުރިގެން ދިޔަ މި ދަނޑިވަޅުގައި، ޗައިނާގައި ތިބި ދިވެހި ރައްޔިތުންނާ މެދު ބެހެއްޓި ގާތް ކަމާއި ދެއްވި އެއްބާރުލެއްވުމަށް ޓަކައި ޗައިނާ ސަފީރު، ޒޭންގް ލިޒްހޮންގް އަށާއި ޗައިނާ ސަރުކާރަށް، ޝުކުރު އަދާކުރަން." ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮރޯނާ ވައިރަސް އަލަށް ޖެހޭ ނިސްބަތް މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށާއި ބަލި ޖެހޭ މީހުންގެ ތެރެއިން އެއްކޮށް ރަނގަޅުވާ މީހުންގެ ނިސްބަތް ވެސް އިތުރުވެފައިވާ ކަމަށެވެ.