ވުހާން ސިޓީގައި ތިބި ދިވެހީންގެ ސަލާމަތްތެރިކަމަށް އިންޑިއާއިން އެޅި އަވަސް ފިޔަވަޅަށް ޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޗައިނާގެ ވުހާން ސިޓީގައި ތިބި ހަތް ދިވެހީން އިންޑިއާގެ އެއާ އިންޑިއާ ފްލައިޓެއްގައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީއަށް ގެންގޮސްފަ އެވެ. އަދި އެ ހަތް ދިވެހީން ކަރަންޓީނު ކުރުމުގެ ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސާފައި ވަނީ އިންޑިއާގަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ގޮތުގައި، އެ ހަތް ދިވެހީން އިންޑިއާއަށް ގެންދިއުމާއި އެ ގައުމުގައި ބައިތިއްބައިގެން އެމީހުންގެ ކަރަންޓީނުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދަނީ އިންޑިއާ ސަރުކާރުގެ ހާއްސަ އެހީގެ ގޮތުގައި އެ ގައުމުންނެވެ.
ރައީސް ސޯލިހު މިއަދު މެންދުރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޗައިނާގެ ވުހާން ސިޓީގައި ތިބި ހަތް ދިވެހީން ސަލާމަތްތެރި މާހައުލަކަށް ގެންގޮސްދިނުމަށް އިންޑިއާއިން އެޅި އަވަސް ފިޔަވަޅުތަކުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ނަމޫނާ އެކުވެރިކަމާއި އިތުބާރު ކަމަށެވެ. މި ކަމަށް ޓަކައި އެ ގައުމުގެ ބޮޑު ވަޒީރު މޯދީގެ އިތުރުން، އެކްސްޓާނަލް މިނިސްޓަރު، ޑރ. އެސް ޖަޔަޝަންކަރަށް ވެސް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އިންޑިއާއަށް ގެންދިޔަ ހަތް ދިވެހީން ރާއްޖެ އަށް ގެންނާނީ ބައިނަލް އަގުވާމީ މިންގަނޑުތަކުން އެ ބަލަން ޖެހޭ ކަންކަން ބަލައި، އެ އޮންނަ މުއްދަތަށް ކަރަންޓީނުވެސް ކުރުމަށްފަހު ކަމަށެވެ.