ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިޔަށް ގެންދާ ކޮމިއުނިޓީ ފަންޑެކެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. މި ގޮތުން ކޮންމެ ކުއާޓަރެއްގައިވެސް ފަސް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ. މި ކުއާޓަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ފެބްރުއަރީ 2020 ވަނަ ދުވަހެވެ.
މި ފަންޑާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "ބޭންކް އޮފް މޯލްޑިވްސް ގެ އެންމެ މުހިންމު އެއް އަމާޒަކީ ބޭންކާއި ދިވެހި މުޖުތަމައާ އޮތް ގުޅުން ބަދަހިކުރުން. ފާއިތުވެދިޔަ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުން އަންނަ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައި. އަދި މީގެ އިތުރުން ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. މި ފަންޑު މިއަހަރުވެސް ކުރިޔަށް ގެންދިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތްތައް އިތުރުވެގެންދާނެ ބޮޅެއް." ކަމަށެވެ.
2019 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް އެއް މިލައަން ރުފިޔާ ހޭދަކޮށްފައި ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. މިގޮތުން ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.