ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއާއަށް ގެންދިޔަ ދިވެހިން ރާއްޖެ ގެނެވޭނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކަންތައްތައް ބެލުމަށް ފަހު: ޝާހިދު

އިބްރާހިމް ޒަކީ

ކޮރޯނާ ވައިރަސް ފެތުރުމުގެ މައި މަރު ކަޒު ކަމުގައިވާ، ޗައިނާގެ ވުހާން ސިޓީން އިންޑިއާއަށް ގެންދިޔަ ހަތް ދިވެހިން ރާއްޖެ ގެނެވޭނީ ކަރަންޓީނުގެ މުއްދަތު ފުރި ހަމަ ކުރުމަށްފަހު، ދެން ކަންތައް ކުރިއަށްދާ ގޮތް ބެލުމަށް ފަހުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްްޖެ އެވެ.

އެކަމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެމީހުން ރާއްޖެ ގެނައުމާބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އެމީހުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ގޮސް މިއަދު 12 ޖަހާއިރު ކަރަންޓީނު ފެސިލިޓީއަށް ފޯރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެމީހުން ފުރިހަމަ ކުރަން ޖެހެނީ ބައިނަލް އަގުވާމީ ގޮތުން އޮންނަ ކަރަންޓީނު ފެސިލިޓީއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ހަތް ދިވެހިން އަދި ކަރަންޓީނު ފެސިލިޓީއަކަށް ނުފޯރާ މިއަދު އަދި އެމީހުން ދިއްލީއަށް މި ގެނެވުނީ، ދިއްލީން އިރާދަ ކުރެއްވިއްޔާ މިއަދު އުއްމީދު ކޮށްގެން ތިބީ 12 ޖަހާއިރަށް ފޯރާނެ ކަމަށް ކަރަންޓީނު ފެސިލިޓީއަށް. ބައިނަލް އަގުވާމީ އުސޫލެއްގެ ދަށުން އޮންނަ ކަރަންޓީނު މުއްދަތެއް މިއޮތީ 14 ދުވަހޭ ކިޔަނީ، ދެން އެ 14 ދުވަހުގެ ކަރަންޓީން ނިމުިނީމަ ދެން ކަންތައްތައް ކުރިއަށްދާ ގޮތަކަށް ބަލަން ޖެހޭނީ،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެ ހަތް ދިވެހިން ސަލާމަތާއި ރައްކާތެރިކަމާއެކީ ދިއްލީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދިއްލީގެ ވައިގެ ބަނދަރުން އެ ހަތް ދިވެހިންނާއި، އެބޯޓުން ދަތުރުކުރި އިންޑިއާ ރައްޔިތުން، ކަރަންޓީނަށް ގެންދާނީ އިންޑޯޓިބެޓަން ބޯޑަރު ޕޮލިސް ޗައުލާ ކޭމްޕަށް ކަމަށާއި އެ ކޭމްޕުގައި އެމީހުން ބައިނަލް އަގުވާމީ އުސޫލުތަކާ އެއްގޮތަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދިއްލީގެ ވައިގެ ބަނދަރުން އެ ހަތް ދިވެހިންނާއި އަދި އެބޯޓުގައި ދަތުރުކުރި އިންޑިއާގެ ރައްޔިތުން އިންޑޯޓިބެޓަން ބޯޑަރު ޕޮލިސް ޗައުލާ ކޭމްޕަށް މިއަދު ގެންދާނެ، އެ ކޭމްޕުގައި ބައިނަލް އަގުވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުމުގެ މަތިން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އެ ކޭމްޕަށް އެމީހުން ފޯރާއިރަށް ދިވެހި ހައިކޮމިޝަންގެ ފަރާތުން އެމީހުންގެ އާއިލާތަކާ ގުޅޭނެ ގޮތް ހެދުމަށް، މޯބައިލް ސިމްއާއި ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެމީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވުހާން ސިޓީން އެމީހުން ނެރުނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއި އެއްބާރުލުމާ އެކު ކަމަށެވެ.

އެކަމަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށާއި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ޖަޔާ ޝަންކަރަށާއި، ޗައިނާގެ ފޮރިން މިނިސްޓަރުގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރަށް ވެސް މިނިސްޓަރު ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޗައިނާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރާއި، އިންޑިއާގައި ހުންނަވާ ދިވެހި ހައިކޮޝަނަރުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށްވެސް ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ.