އެމްޓީސީސީ

އެމްޓީސީސީގެ އަމާޒަކީ އަހަރު ނިމޭއިރު ފައިދާވާ ކުންފުންޏަކަށް ވުން: އާޒިމް

އައިދާ އަބްދުލް ހަކީމް

މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ އަމާޒަކީ އަހަރު ނިމޭއިރު ފައިދާވާ ކުންފުންޏަކަށް ވުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އަށް 19 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު އެމްޓީސީސީ ވިލިނގިލީ ފެރީ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީއަކީ ބޮޑު ގެއްލުމެއްގައި ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.

އެގޮތުން މިއަހަރު އެކަނިވެސް އާންމު ދަތުރުފަތުރުގެ ބައިން 70 މިލިޔަން ރުފިޔާގެ ގެއްލުމުގައި ކުންފުނި ހިންގަމުން ގެންދާކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އަދި އެގެއްލުން ކުޑަ ކުރުމަށްޓަކައި ސަރުކާރާއެކު ވާހަކަ ދައްކައިގެން ގެންލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ދާދި ފަހުން އެކުންފުނީގެ އެމްޑީކަމާ ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެހެން ކުންފުނިތަކަށް ސަރުކާރުންދޭ ސަބްސިޑީގެ ޚިދުމަތް އެމްޓީސީސީ އަށް ވެސް ލިބެން ޖެހޭ ކަމަށެވެ. އެމްޓީސީއަށް ވަމުންދާ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުގެ އެހީ ލިބިގެންދާނެ ކަނަށް ގަބޫލު ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ "މިހާރު ވަމުން ދާ ގެއްލުން ކުޑަކުރަން ހިދުމަތުގެ އަގު ބޮޑު ކުރުމުގެ ބަދަލުގައި މުވައްޒަފުންގެ އެއްބާރުލުމާއި އެކު ކުންފުނީގެ ހަރަދު ކުޑަ ކުރަން މަސައްކަތް ކުރަން ޖެހޭ" ކަމަށެވެ. އަދި މީގެ އިތުރުން އެމްޓީސީސީން މިހާރު ދެމުން އަންނަ ހިދުމަތް ރަނގަޅުކޮށް ހިދުމަތް ލިބިގަންނަ ރައްޔިތުންނާ އިހުތިރާމާއި، ލޯތްބާއި އޯގާތެރިކަމާއި އެކު މުއާމަލާތް ކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލު ކުރައްވައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލު ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މ. ސީނުކަރަންކާގޭ އާދަމް އާޒިމަށް މިސަރުކާރު އައުމަށްފަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ދެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ނޮން އެގްޒެކެޓިވް ޑައިރެކްޓަރު ކަމާއި އެމްޑަބްލިޔުއެސްސީ ގެ ޗީފް ފައިނޭޝިއަލް އޮފިސަރު ކަމާއި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ސޭލްސް އެންޑް މާކެޓިން ގެ މަގާމު ވެސް އާޒިމް ކުރީން ވަނީ ފުރުއްވާފަ އެވެ. އާޒިމް އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެންބަރެކެވެ.