ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޗައިނާގެ ވުހާންގައި ތިބި ދިވެހިން އިންޑިއާގެ ހާއްސަ ފްލައިޓެއްގައި ދިއްލީއަށް، ކަރަންޓީނުކުރާނީ އިންޑިއާގައި

ޗައިނާގެ ވުހާން ސިޓީގައި ތިބި ހަތް ދިވެހީން މިވަގުތު އިންޑިއާއަށް ދަތުރުކުރަމުން އަންނަ ކަމަށާއި އެ ގައުމަށް ދިޔުމުން، ކަނޑައަޅާފައިވާ ވަކި މުއްދަތަކަށް އެ ހަތް ދިވެހީން ކަރަންޓީނުކޮށް، ރާއްޖެއަށް ގެނައުމުގެ ކުރީން ކަށަވަރުކުރަން ޖެހޭ ސިއްހީ ކަންކަން ވެސް ކަށަވަރު ކުރާނީ އިންޑިއާގައި ބައިތިއްބައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީގައި ތިބި ހަތް ދިވެހީން އިންޑިއާއަށް ދަތުރުކުރަމުން އަންނަނީ އެއާއިންޑިއާގެ ފްލައިޓެއްގަ އެވެ.

"އިންޑިއާއަށް ދެވުމާ އެކު، އެ ހަތް ދިވެހީން ވަކި މުއްދަތެއް ވާންދެން ކަރަންޓީނުކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ދިއްލީގައި." ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު މިއަދު ހެނދުނު "ވަން އޮންލައިން" އަށް ވިދާޅުވީ ވުހާންގައި ތިބި ދިވެހީން އިންޑިއާއަށް ގެންދިއުމުގެ ހުރިހާ ހަރަދެއް ކުރަނީ އިންޑިއާއިން ކަމަށެވެ.

ދިވެހީންނަށް ޓަކައި މި ހަމަޖައްސަވައިދެއްވި އިންތިޒާމުތަކާ ގުޅިގެން، މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށާއި އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ޗައިނާ އަދި އިންޑިއާގެ އެމްބެސެޑަރުންނަށާއި ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށާއި މި ކަމުގައި އެހީތެރިވެދެއްވި އެހެން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާ ގޮތުގައި، ޗައިނާގައި ތިބި ދިވެހީންނަށް ސަރުކާރުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމީހުން ގެނެވޭނެ ގޮތް ހެދުމަށް މަސައްކަތްކުރައްވަމުން ގެންދެވި ކަމަށާއި އެހެން ނަމަވެސް ވުހާން ސިޓީ އޮތީ ބަންދުކޮށްފައި ކަމުން އެއީ އެހާ ފަސޭހަ "އޮޕަރޭޝަނެއް" ނޫން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.