ދިވެހިރާއްޖޭން ކޮމަންވެލްތާ އަލުން ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަރުހަބާ ދަންނަވައިފިއެވެ.
މޯދީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވުމުން އެކަމުގެ ތަހުނިޔާ ރައީސް ސޯލިހަށާއި ރައީސް ނަޝީދުގެ އިތުރުން ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ. އަދި ކޮމަންވެލްތުގެ ތެރެއިން ރާއްޖެއަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި އަދި ކޮމަންވެލްތުގައި ރާއްޖެއިން މުހިންމު ބޮޑު ރޯލެއް އަދާކުރެއްވުމަކީ އުންމީދެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމުން މޯދީގެ އިތުރުން ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑު ވެސް ވަނީ ރާއްޖެއަށް މަރުހަބާ ދަންނަވައިފައެވެ.
ރާއްޖެ ކޮމަންވެލްތާ ގުޅުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ އިސްނެގުމަކަށް 9 ޖުލައި 1982ގައެވެ. ނަމަވެސް ހަމަޔާއި އިންސާފުން ބޭރުން ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕުން ރާއްޖެއާމެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތުތަކަށް ބާރު ފޯރުވަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އޮކްޓޯބަރު، 13، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމިއެވެ.
ރާއްޖެ އަލުން ކޮމަންވެލްތާ ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށްފަހު ކެބިނެޓުން ނިންމައި، މަޖިލީހުގެ ރުހުން ލިބިގެން ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ހުށަހެޅީ 7 ޑިސެމްބަރު 2018ގައެވެ. އަދި އޭގެ އެއް އަހަރާއި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ރާއްޖެއަށް އަލުން ރަސްމީކޮށް ކޮމަންވެލްތާ މެންބަރުކަން ދިންކަން އެޖަމާއަތުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އެކަން ހާމަކޮށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ނިންމީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓެލެންޓް ހުރިހާ މެންބަރު ގައުމުތަކާއެކު މަޝްވަރާ ކުރެއްވުމަށް ފަހު ހުރިހާ ގައުމުތަކަކުން ވެސް އެކަމަށް ރުހުން ދިނުމުން ކަމަށެވެ.
ރާއްޖެއަށް ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރުކަން، މިއަދު ލިބުމާ އެކު އަންނަ ޖޫން މަހުގެ 22- 28 އަށް ރުވާންޑާގެ ކިގާލީގައި އޮންނަ، ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.