ޚަބަރު

ކޮރޯނާ ވައިރަސްގެ ޕޭޝަންޓުންނަށް ކްލިނިކަލް ފަރުވާ ދެވޭނެ އިންތިޒާމު ފަރުކޮޅުފުށީގައި ގާއިމްކުރަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހޭ މީހުންނަށް ކްލިނިކަލް ފަރުވާ ދެވޭނެ އިންތިޒާމު ފަރުކޮޅުފުށީގައި ގާއިމުކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެކަހެރިކޮށްފައި މީހުން ބައިތިއްބާނެ ފެސިލިޓީތަކުގެ ޖާގަ އިތުރު ކުރުމަށާއި ފަރުވާ ދެވޭނެ އިންތިޒާމުތައް ހަރުދަނާކޮށް އިތުރުކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކަހެރިކޮށްގެން މީހުން ގެންގުޅެވޭނެ އިންތިޒާމާއި ވައިރަސް ޖެހޭ މީހުންނަށް ބޭނުންވާ ކްލިނިކަލް ފަރުވާ ލިބޭނެ އެންމެ ރަނގަޅު އިންތިޒާމު ފަރުކޮޅުފުށީގައި މިހާރު ވެސް ގާއިމްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފަރުކޮޅުފުށީގައި ކްލިނިކަލް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެތަނުގެ އިންފުރާސްސުޓްރަކްޗާއަށް ބަދަލު ގެނެސް، އާލާތްތަކާއި ފަރުނީޗަރު ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކްލިނިކަލް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަނީ ވައިރަސްގެ ބާވަތުން ވަރަށް ދުރަށް ވިސްނަންޖެހޭތީ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެއިން ވެސް ފިޔަވަޅުތައް އަޅަނީ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށެވެ.