ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅޭ މައުލޫމާތު ހުރިހާ ރައްޔިތުންނަށް ދިނުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިހާތަނަށް އެވައިރަހާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުން ދިޔައީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށާއި ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނަށް ކަމަށެވެ.
ނަމަވެސް މިއަދުން ފެށިގެން ހުރިހާ ރައްޔިތުންނަށް ވައިރަހާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާ އެ ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ އަތޮޅު ހޮސްޕިޓަލުގެ ސިއްހީ ފަރާތްތަކުންނާއި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ކަމަށެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 712 ފަރާތަކަށް ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މިވަގުތު ޝައްކުކުރެވޭ މީހުންގެ ސާމްޕަލްތައް ޕޫނޭއަށް ފޮނުވި ނަމަވެސް މިހާރު ތައިލެންޑުން ވެސް ޓެސްޓުތައް ހެދެން އެބަހުރި ކަމަށާއި އަދި އެހެން ކައިރި ލެބުތަކަށް ފޮނުވައިގެން އަވަހަށް ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.