ޚަބަރު

އާ އީޖާދީ މަސައްކަތްތަކަށް ހާއްސަކޮށް 20 މިލިއަން ރުފިޔާގެ އެސްއެމްއީ ފަންޑެއް ތައާރަފުކޮށްފި

އަލީ ޔާމިން

ޓެކްނޮލޮޖީ އާއި އެކި ދާއިރާތަކުން އެކިކަހަލަ އީޖާދީ މަސައްކަތްތައް ކުރި އަރުވަން އަމާޒުކޮށްގެން ހާއްސަ ފަންޑެއް ތައާރަފްކޮށްފިއެވެ. ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި "އެސްއެމްއީ އިނޮވޭޝަން ފަންޑް"ގެ ނަމުގައި އުފައްދާފައިވާ އެ ފަންޑު ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

ފަންޑު ތައާރަފްކޮށްދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމަށްފަހު ވަރަށް ގިނަ ސްޓޭކް ހޯލްޑަރުންނާއި ހާއްސަކޮށް އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނާ މަޝްވަރާ ކުރެވުނު ކަމަށެވެ.

ނަމަވެސް އެ މަޝްވަރާތަކުގައި ރާއްޖޭގައި އައިސީޓީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެތަކެއް ގޮން ޖެހުންތަކެއް ހުރިކަމާއި އެ ދާއިރާއަކީ މާ ބޮޑު އަޅާލުމެއް ނެތި ދޫކޮށްލެވިފައިވާ ދާއިރާއެއްކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ތައާރަފްކުރި "އެސްއެމްއީ އިނޮވޭޝަން ފަންޑު"ގެ ބޭނުމަކީ އާ ވިސްނުންތަކާއި ތަފާތު މަސައްކަތްތައް އުފަންކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ބޭރުގެ ފަރާތްތަކަށް ބަރޯސާވުން ކުޑަކުރުން ކަމަށެވެ. އަދި އެ ފަންޑު ފަށާނީ 20 މިލިއަން ރުފިޔާ އިން ކަމަށާއި ނަމަވެސް އުންމީދަކީ ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ އެހީއާއެކު އެ ފަންޑު އިތުރުވުން ކަމަށް ވިދާޅުވިއެވެ.

"ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ އިގްތިސާދު ކުރިއެރުވުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެނޭ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހާއި އާދަކާދަތައް ރައްކާތެރިކުރުމަށް ޓެކްނޮލޮޖީއަކީ މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށާއި އެހެންކަމުން އަލަށް ތައާރަފް ކުރެވުނު އިނޮވޭޝަން ފަންޑާއެކު އެކަންކަން ރައްކާތެރިކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދައިފައެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ވަނީ 450 މިލިއަން ރުފިޔާގެ ލޯނު އެކި ފަރާތްތަކަށް ދޫކުރެވިފައެވެ.