ޚަބަރު

އެކަހެރިކޮށްފައިވާ ތިން މީހުންގެ ހާލުވެސް ރަނގަޅު: މިނިސްޓަރު

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މިންގަނޑުތަކެއް ހުރެގެން އެކަހެރިކޮށްފައިވާ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކ. ފުނަދޫގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި އެކެހެރިކޮށްފައިވަނީ ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ 20 އަހަރުގެ ޒުވާނަކާއި އެބައްޔާ ގުޅިގެން މޮނީޓާ ކުރަންޖެހޭ ދެ ދިވެއްސެކެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ޝައްކުކުރެވުނު ޒުވާނާގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި އަދި ޝައްކުކުރެވޭ އަލާމާތްތައް މިހާރު ފެންނަން ނެތް ކަމަށެވެ.

އޭގެ އިތުރުން މޮނީޓާ ކުރުމަށް ފުނަދޫގައި އެކަހެރިކޮށްފައިވާ އަނެއް ދެ މީހުން ވެސް އެކަހެރި ކުރިއިރު ފެންނަންހުރި އަލާމާތްތައް މިހާރު ނެތް ކަމަށާއި ނަމަވެސް އެމީހުން ދޫކޮށްލާނީ ރާއްޖޭން ބޭރަށް ފޮނުވާފައިވާ އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ތިން މީހުންގެ ސާމްޕަލްތައް ވެސް މިހާރު ވަނީ ނިއު ދިއްލީއަށް ފޯރާފައެވެ. އަދި މިރޭގެ ވަގުތެއްގައި ޕޫނޭއަށް ފޯރާނެ ކަމަށާއި އަދި ކުރިން ވެސް ހާމަކޮށްފައިވާ ގޮތަށް އެ ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށެވެ.