މިހާރު ތިއްބެވި ސީޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާހުރެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރުތަކުގައި ތިން ސިޓީއެއްގެ މޭޔަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން، އިތުރު ދައުރަކަށް އިންތިހާބުވުމަށްޓަކައި އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ވަނީ ނާކާމިޔާބުވެފައެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސިޓީ ކައުންސިލްގެ ކައުންސިލަރުންނަށް ކުރީ ސަރުކާރުން އެކިއެކި ފިއްތުންތައް ކުރިމަތި ކުރުވައި، މުޅި ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ރޫޅާލައި، ކައުންސިލްގެ ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނަގައި ބައެއް ކައުންސިލަރުން ހައްޔަރު ވެސް ކުރި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ފެއިލްވީ ކުރީގެ ސަރުކާރު. ފެއިލް ކޮށްލައިގެން މިއުޅެނީ. އަޅުގަނޑުމެންގެ ސިޓީ ކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ، ރައީސް ޔާމީން ލާމަރުކަޒީ ނިޒާމު ރުޅާލުމާއި ސިޓީ ކައުންސިލްތައް ހަލާކު[ކޮށްލުން]،" ނަޝީދު ވިދާޅުވިއެވެ.
އެގޮތުން މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ބަލިކޮށް ބޮޑު ތަފާތަކުން މޭޔަރުކަމުގެ ޓިކެޓް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.
އޭގެ އިތުރުން ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރު ފަލާހު ޝަރީފު ބަލިކުރައްވައި އެސިޓީގެ ޓިކެޓް އިސްމާއިލް ރަފީގު (އިއްސެ) ހޯދިއިރު، އައްޑޫ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ) ބަލިކޮށް، އެމްޑީޕީގެ ބޮޑު ސަޕޯޓަރެއް އޮންނަ އައްޑޫ ސިޓީގެ މޭޔަރުގެ ޓިކެޓް ކަށަވަރު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.