ޚަބަރު

ކަނޑުމަތީގެ ދެ އެކްސިޑެންޓެއް ހިނގައި، އެކަކަށް އަނިޔާވެއްޖެ

އަލީ ޔާމިން

ކަނޑުމަތީގައި ދެ އެކްސިޑެންޓެއް ހިނގާ އެކަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުލޭ ފެރީއަކާއި ކ. ދިއްފުށްޓަށް ދަތުރުކުރި ލޯންޗެއް އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތެއް މިއަދު ހަވީރު 16:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ލޯންޗުގައި އިން މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްވި ފެރީ އަދި ލޯންޗު ދުއްވަން އިން ދެމީހުންނަކީ ވެސް ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.

ދެވަނަ އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 19:24 ހާއިރު ވިލިމާލެ ފެރީ އަކާއި ވިލާ ގޭސް ދޯންޏެއް ޖެހިގެންނެވެ. ފުލުހުން ބުނީ، އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި އަދި އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވަން ތިބީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ.

މި ދެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.