އަލީ ޔާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި 7،000 ފުލެޓް ލިބޭނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީން އެކުލަވާލި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 5،000 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެ، އެބާރުތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރި ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ރޫޅާލައި، ކައުންސިލްގެ ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނަގައި ބައެއް ކައުންސިލަރުން ހައްޔަރު ވެސް ކުރި ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލްތަކުގެ ބާރުތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށްފަހު ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 7،000 ފުލެޓް ދޭން އެ މިނިސްޓްރީން އެކުލަވާލި ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކީ އެކަމަށް ޝަރުތު ހަމަނުވާ ފަރާތްތައް ކަމަށެވެ.
"އޭގެން ސާފުކޮށް އެބަ އެނގޭ އެ 7000 މީހުންގެ ލިސްޓުގެ ތެރެއިން 5000 އެއްހާ މީހުންނަކީ ޝަރުތު ހަމަވާ މީހުންނެއް ނޫންކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މާލޭ ސިޓީ ކައުންސިލްގެ މަޝްއޫލިއްޔަތެއް ކަމަށާއި މި ސަރުކާރާއެކު ސިޓީ ކައުންސިލަށް އެކަން ކުރެވިގެންދާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބޭނެ ކަމަށް ލިސްޓުކޮށްފައިވާ ގިނަ މީހުންނަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ފްލެޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.
އެ ކޮމިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް "ދިރިއުޅުމުގެ ހާލަތު"، މި ބަޔަށް ރިއާޔަތް ކޮށްފައިނުވާ ނުވާ ކަމަށާއި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައި ވެސް ނުވާ ކަމަށެވެ.
އޭގެ އިތުރުން "ހިޔާ މަޝްރޫއު"ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ހާލަތު"، މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީ ނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަން ވެސް އެކޮމިޓީން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެ ގެތަކަށް ދިއުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ވަނީ ނިންމައިފައެވެ.