ޚަބަރު

އެމްޑީޕީން އިންތިހާބު ފަށާނީ 60 ޕަސެންޓް ގޮނޑިއާއެކު: ނަޝީދު

އައިދާ އަބްދުލް ހަކީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ފަށާނީ 60 ޕަސެންޓް ގޮނޑިއާއެކު ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި އެޕާޓީގެ ޕްރައިމަރީގެ މައުލޫމާތު ދެއްވުމަށް، އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން 60 ގޮނޑި ނަގާނެކަން އެނގެނީ އެމްޑީޕީ ޕްރައިމަރީގައި ގޮނޑިތަކަށް ވޯޓުލާފައިވާ ގޮތަށް ބެލުމަށްފަހު ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެއްވެސް ކެންޑިޑޭޓަކު ވާދަނުކޮށް 16 ގޮނޑި ހުރިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެ ގޮނޑިތަކަކީ އެމްޑީޕީން ހުސްކޮށް ބައިންދާފައިހުރި ގޮނޑިތަކެއް ކަމަށެވެ. އަދި އެ ގޮނޑިތައް ހުސްކޮށް ބައިދާފައި ހުރީ ނޭނގި ނޫން ކަމަށާއި އެއީ އެނގިގެން ވަކި މަގުސަދެއްގައި ބައިންދާފައިހުރި ގޮނޑިތަކެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެގޮނޑިތައް ހުސްކޮށް ބަހައްޓާފައި ހުރީ އެމްޑީޕީގެ ތާއީދު ނެތިގެން ނޫން ކަމަށާއި އަދި ކުރިމަތިލާނެ މީހުން ވެސް ނެތިގެން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެހެން ޕާޓީތަކުން ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާނެ ކަމަށް ލަފާ ނުކުރާ ކަމަށާއި އެއްވެސް ޕާޓީއަކާއެކު އިއްތިހާދު ނުވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް، ހަގީގަތުގައިވެސް ގަބޫލެއް ނުކުރަން. މިސާލަކަށް ޕީޕީއެމުން މި އިންތިހާބުގައި ބައިވެރިވުމުގެ ގާބިލުކަން ހުރި ކަމަށް އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމްހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވެ ކެންޑިޑޭޓުން ފީޑު ކުރެވޭނެ ގާބިލްކަމާއި ކެންޑިޑޭޓުން ނެގުމުގެ މަސައްކަތް ހިންގާފައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.