އިބްރާހިމް ޒަކީ
އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ކެންޑިޑޭޓުން ނެރުމުގެ ގާބިލުކަމެއް، ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އިދިކޮޅު ޕީޕީއެމުގައި ނެތް ކަމަށް ވެރިކަން ހިންގާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި، ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހުރިހާ ރަށެއްގެ އަގުލަބިއްޔަތު ހޯދާނެ ކަމަށެވެ. އަދި އިންތިހާބު ފަށާނީވެސް 60 ޕަސެންޓް ގޮނޑިއާ އެކު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި އިންތިހާބަށް ކެންޑިޓުން ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރުމާއި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ ގާބިލުކަން ވެސް ޖޭޕީ އާއި ޕީޕީއެމްގައި ނެތް ކަމަށެވެ. އެހެންކަމުން މި އިންތިހާބުގައި އެހެން ޕާޓީތަކުން ބައިވެރިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ އެހެން ޕާޓީތަކުން ބައިވެރިވާނެ ކަމަކަށް އަޅުގަނޑު އެއްގޮތަކަށް ވެސް ހަގީގަތުގައި ވެސް ލަފައެއް ނުކުރަން މިސާލަކަށް ޕިޕީއެމްގައި މި އިންތިހާބުގައި ބައިވެރި ވުމުގެ ގާބިލުކަމެއް އެބޭފުޅުންގެ ހުރި ކަމަކަށް، އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމުހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވެ އިންތިހާބަށް ކެންޑިޑޭޓުން ފީޑް ކުރެވޭނެ ގާބިލު ކަމާ އަދި ކެންޑިޑޭޓުން ނެރުމަށް ހިންގަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ހިންގުމުގެ ނިންމުމެއް އެބޭފުޅުން ނިންމައިފައެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަހަރުގެ ޕްރައިމަރީގައި ވާދަ ކުރުމެއްނެތި، ގިނަ ބަޔަކަށް، ޓިކެޓު ދޭން ޖެހުމަކީ އެމްޑީޕީއަށް އޮތް ތާއީދު ކުޑަވެފައިވާކަން ދައްކުވައިދޭކަމެއް ކަމަށް ދެކެވަޑައިގަންނަވަންތޯ، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީށް ނަޝީދު ވިދާޅުވީ، އެކަން ބަލަން ޖެހޭނީ ވާދަވެރިންނާ އަޅުވައިގެން ކަމަށެވެ.
"މިސާލަކަށް ވާދަވެރިންނާ އަޅުވާލާއިރު އެއްވެސް ދާއިރާއެއްގައި ޕްރައިމަރީއެއް ނެތް، އެންމެ ދާއިރާއެއްގައިވެސް، ހަމަ އެއްގޮތަކަށްވެސް ޕްރައިމަރީއެއް ބާއްވާނެ ގޮތްވެސް އެނގިވަޑައެއް ނުގަންނަވާ، އޭގެ ތެެރެއަށް ވެދެ ވަޑައިގަންނަވާނެ ގޮތެއް ވެސް، އުޅުއްވާނެ ގޮތެއްވެސް އެނގިވަޑައިނުގަންނަވާ އެބޭފުޅުންގެ ނެތް ކެންޑިޑޭޓުންނެއްވެސް، އޭޕްރީލް ހަތަރުވަނަ ދުވަހު ކެންޑިޑޭޓުންގެ ނަން ހުށަހަޅާން މިއޮތީ، ނަން ހުށަހަޅާން އޮތް އިރުގައި ޕީޕީއެމްގެ ވެސް އަދި ޖުމްހޫރީ ޕާޓީގެވެސް ހަމަ އެއްވެސް ކެންޑިޑޭޓެއް ނުވެއް ނެތް، އަދި އެބޭފުޅުންނަށް ކެންޑިޑޭޓެއް ކަނޑައެޅުމުގެ އުސޫލެއް، ހަމަ އެއްގޮތެއް ވެސް ނިންމިފަކާއެއް ނެތް. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ ޕާޓީއަށް، އެމްޑީޕީއަށް ދިވެހި ރައްޔިތުން ދޭ ތާއީދު ވަރަށް ސާފު އެއީ ވަރަށްބޮޑު ތާއީދެއް ޝައްކެއްވެސް ނެތް ގޮތުގައި އެއީ އަގުލަބިއްޔަތު ތާއީދު،" ރައީސް ނަޝިދު ވިދާޅުވިއެވެ.