ޚަބަރު

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވާން ނިންމުމުން ދިވެހިރާއްޖެއިން އިހްތިރާމް ކުރަން: ފޮރިން މިނިސްޓްރީ

އައިދާ އަބްދުލް ހަކީމް

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވާން ނިންމި ނިންމުން ދިވެހި ސަރުކާރުން އިހުތިރާމު ކުރާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި މި ވަނީ އިނގެރޭސީ ވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވާން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް ރާއްޖޭން ދެކޭނީ އެގައުމަކީ ޔޫރަޕްގެ އިއްތިހާދުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ބުނީ 31 ޖެނުއަރީ 2020ގެ ނިޔަލަށް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވެފައި ވީނަމަވެސް އަންނަ ޑިސެމްބަރު 31 އާ ހަމައަށް މިކަމުގެ އިންތިގާލީ މަރުހަލާ އޮންނާނެ ކަމަށެވެ. މި މަރުހަލާގައި އީޔޫ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ގުޅުންތައް އިންތިގާލީ އުސޫލުން ދެމިއޮންނާނެ ކަމަށެވެ. އެއީ ދެފަރާތް ވަކިވުމުން ކުންފުނިތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް މިކަމުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ކަމަށާއި އިނގިރޭސިވިލާތް ޔޫރަޕްގެ އިގުތިސާދީ މުޖުތަމައުން މިވަކިވީ 47 އަހަރުގެ ދިގު ތާރީހަކަށް ފަހުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ވޭތުވެދިޔަ 54 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތަކީ ރާއްޖެއާއި ޒަމާންވީ ގާތް ގުޅުމެއް ގާއިމު ކޮށްފައިވާ ގައުމެއްކަން ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި އެގުޅުން ކުރިޔަށް އޮތްތާގައިވެސް އެގޮތުގައި ބޭއްވުމަށް ދިވެހި ރާއްޖެއިން ނިންމާފައިވާ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ ކަންތައްތައް ނުވަތަ "ބްރެކްސިޓް" ކޮޅެއްގައި މިޖެހުނީ މިކަމާބެހޭ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓުން ރުހުން ދިނުމާއެކު ޔޫރަޕިއަން ޕާލަމެންޓުންވެސް އެ އެއްބަސްވުން ތަސްދީގު ކުރުމާއެކު އޭގެ ސުންގަނޑި ޖެހުމުންނެވެ.

މި ނިންމުމާއިއެކު ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުން ލިބޭ އިމްތިޔާޒުތަކާއި އިނގިރޭސި ރައްޔިތުންނަށް ޔޫރަޕްގެ ގައުމުތަކުން ލިބިދޭ އިމްތިޔާޒުތައް ނިމުމަކަށް އަންނާނެއެވެ. މިމުއްދަތުގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުގެ ހުރިހާ މުއައްސަސާއަކުން އިނގިރޭސިވިލާތް ވަކިވެގެންދާނެއެވެ.