ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮމަންވެލްތުގެ ތައުލީމާއި ކުޅިވަރުތަކުގެ ފުރުސަތު ތަކަކީ ރައްޔިތުންނަށް މުހިންމު ފުރުސަތުތަކެއް: ރައީސް

އިބްރާހިމް ޒަކީ

ކޮމަންވެލްތުން ފަހިކޮށްދޭ ތައުލީމުގެ ފުރުސަތުތަކާއި ކުޅިވަރުގެ ދާއިރާއިން ފަހިކޮށްދޭ ފުރުސަތު ތަކަކީ ރައްޔިތުންނަށް މުހިންމު އަދި ބައިނަލްއަގުވާމީ މައިދާނުން ލިބޭ ފުޅާ ފުރުސަތުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުގެ އާއިލާއާ ރާއްޖެ އަލުން ގުޅުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެއްވި ބަޔާނުގައި، ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދެއްކަން ފާހަގަކުރައްވައި، ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައިކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މިއަދަކީ ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ލިބުނު ދުވަސްކަމުގައި ވާތީ މިއީ ގައުމަށް ލިބޭ ވަރަށް ބޮޑު ފަހުރެއްކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ރާއްޖެއިން ކޮމެލްވެލްތާ އަލުން ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކޮމަލްވެލްތުގެ ސެކްރެޓޭރިއޭޓްގައި ރަސްމީގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މި މަހުގެ ހަވަނަ ދުވަހު ބޭއްވެވުމާއި ކޮމަންވެލްތު ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގެ ނަން ހައިކޮމިޝަނަށް ބަދަލުކުރައްވަން ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޮމަންވެލްތުގެ އާއިލާއަކީ މިނިވަން 50 ގައުމެއްގެ މައްޗަށް އެކުލެވޭ މުއްސަނދި ސަގާފަތްތަކާއި ތަރިކަތަކެއް ހިމެނޭ އަދި އިގުތިސާދީ ކުރިއެރުންތައްވެސް ތަފާތު ދާއިރާތަކުން ތަފާތު މިންވަރަށް ހޯދާފައިވާ ގައުމުތަކެއް ހިމެނޭ އާއިލާއެއް ކަމަށާއި މި އާއިލާއިން ގަބޫލުކުރާ ހަމަތަކަކީ މިހުރިހާކަމެއް އެކުލެވޭ ހަރާރޭ ޑެކްލަރޭޝަނުގައި ހިމެނޭ ހަމަތައްކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޑިމޮކްރަސީއާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސިޔާސީ ،އިގުތިސާދީ އަދި އިޖުތިމާއީ ގޮތުންނާއި ފަރުދީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން އޮތުން މި އަގުތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުން ކުރިއަރުވާ ހަމަތަކަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައިވެސް ހުރި ހަމަތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް ބަލާފައި ވަނީ އެ ހަމަތައް ކުރިއެރުވުމުގެ މައްޗަށް ކަމުގައި މި ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި ކޮމަންވެލްތުގެ އެހެން ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނީވެސް މި ހަމަތައް ކުރިއަރުވައި ދެމެހެއްޓުމުގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުގެ ޔޫތު ޕްރޮގްރާމު ފަދަ ޕްރޮގްރާމްތަކަކީ 21 ވަނަ ގަރުނުގެ ހުނަރުތައް ޒުވާނުންނަށް ލިބިދިނުމުގައި މުހިންމު އަދި ގައުމުގެ ފަރުދުންނަށް ސީދާ ގޮތުން ފައިދާ ލިބެމުން އަންނަ ޕްރޮގްރާމްތަކެއްކަން ރައީސް ގެ ބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުން ފާހަގަކުރުމުގެ ގޮތުން މި ހަފުތާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން ސްކޫލުތަކުގައި ހަރަކާތްތައް ހިންގުމަށް ހަމަޖައްސާފައިވާއިރު ރާއްޖޭގައި އަލަށް ހުޅުވި އިނގިރޭސި ހައިކޮމިޝަނާއެކު ކޮމަންވެލްތާ ރާއްޖެއާ އޮންނަ ސިޔާސީ ގުޅުން އިތުރަށް ބަދަހިވުމަށް ދޮރު ހުޅުވިފައިވާ ކަމަށް ރައީސް ސޯލިހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖެއިން ކޮމަންވެލާ އަލުން ގުޅުމުގެ މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނުގައި މިކަން ހަގީގަތަކަށް ހެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ހާރިޖިއްޔާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ހާއްސަކޮތެއްގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމުގެ ފުރުސަތު ފަހިކޮށްދެއްވުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓުން ކަންކަން ހަމަޖައްސަވައިދެއްވި އަވަސްކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.