އިބްރާހިމް ޒަކީ
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ދިވެހި ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ރައީސުލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުއްވުމަށް، ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއިއެކު އިއްޔެ ބޭއްވެވި ބައްދަލުމުގައި އެ މުއަައްސާތަކަށް އިރުޝާދު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ، ކޮރޯނާ ވައިރަހުން ސަލާމަތް ވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވުމަށް ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފައެވެ. އަދި، ޗައިނާއާއި މި ވައިރަހުގެ އަސަރު ފެނިފައިވާ އެހެނިހެން ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހީންގެ ހާލަތު އޮޅުންފިލުއްވައި، އެމަނިކުފާނުވަނީ، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ސާފު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ހޯއްދަވައިފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވައި، އެމަނިކުފާނު ވަނީ މިކަމުގައި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތްކުރުމަށް އިރުޝާދު ދެއްވައިފައެވެ.
ކޮރޯނާ ވައިރަސްއާ ބެހޭ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަ ކުރައްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވީ، ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އިތުރު މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަމަށާއި ނަމަވެސް ޝައްކުކުރެވޭ މީހެއްތޯ ބެލުމަށް ދެމީހަކު މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.
އަދި އެކަމާބެހޭ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާބެހޭ މައުލޫމާތުވެސް ހެލްތު މިނިސްޓަރު ރޭ ވަނީ ދެއްވައިފައެވެ.