ޚަބަރު

ތިން ސިޓީގެ މިހާރުގެ މޭޔަރުންނަށް ނާކާމިޔާބީ

3

ލޯކަލް ކައުންސިލު އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، ގިނަ ފޮށިތަކެއް ވަނީ ގުނައިފައެވެ.

ޝިފާ ބަލިކުރައްވައި މާލެ ސިޓީގެ މޭޔަރުކަމުގެ ޓިކެޓު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އެ ޓިކެޓަށް ދެން ވާދަކުރެއްވީ މިހާރު ވެސް މާލެ ސިޓީގެ ކައުންސިލަރުކަން ކުރައްވާ އަހުމަދު ނިޔާޒާއި މާލެ ސިޓީގެ ފުރަތަމަ މޭޔަރު އާދަމް މަނިކާއި މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި އިބްރާހިމް ރަޝީދު މޫސާ އަދި އަބްދުﷲ ސައީދެވެ.

އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު ސޯބެ ބަލިކުރައްވައި ޓިކެޓު ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. އެ ދެބޭފުޅުންގެ އިތުރުން ދެން ވާދަކުރެއްވީ އަހުމަދު އަދުހަމެވެ.

ފުވައްމަލަކު ސިޓީގެ މިހާރުގެ މޭޔަރު ފަލާހު ބަލިކުރައްވައި، ޓިކެޓު ހޯއްދެވީ އިސްމާއިލް ރަފީގެވެ. އެ ދެ ބޭފުޅުންގެ އިތުރުން ދެން ވާދަކުރެއްވީ މުހައްމަދު ނިޒާމް ހަސަނާއި އަހުމަދު މުހައްމަދެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ދެ ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް، ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި އަހުމަދު އާތިފު ނަން ނެންގެވުމުން މޭޔަރުކަމަށް ދެން ކުރިމަތިލައްވާފައިވާ މުހައްމަދު އާތިފަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟