ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ހުރިހާ ރައްޔިތުން މާސްކު އަޅަން ޖެހޭ ހާލަތަށް އަދި ނުދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ހުރިކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކުރުމާއާއެކު ގިނަ ބަޔަކު ވަނީ ފޭސް މާސްކު ގަނެ، ބޭނުންކުރަން ވެސް ފަށައިފައެވެ.
ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ އަލާމާތެއް ނުހުންނަ ނަމަ، ކޮންމެހެން މާސްކު އަޅަން ނުޖެހޭނެ ކަމަށާއި ހޮސްޕިޓަލުގައި ވެސް މާސްކު އަޅަނީ ހަމައެކަނި ގިނަ ބަލި މީހުންނާ ކޮންޓެކްޓުވާ ޑޮކްޓަރުން ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެ ނަމަ، މާސްކު އަޅަން އިރުޝާދު ދޭން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މާސްކު އަޅަން އޮންނަ ގޮތަކީ އެއްވެސް ކަހަލަ ސިމްޕްޓަމެއް ނުހުންނަންޏާ، އާންމު ޕަބްލިކް މާސްކެއް އަޅާކަށް ނުޖެހޭނެ. އެހެންނަމަވެސް އާންމު އުސޫލަކުން އެންމެން މާސްކު އަޅައިގެން އުޅޭކަށް އަޅުގަނޑުމެން އަދި ރެކޮމެންޑެއް ނުކުރަން. މި ހާލަތު ބަދަލުވެއްޖެއްޔާ އަޅުގަނޑުމެން މާސްކު އެޅުމަށް ވެސް ރެކޮމެންޑޭޝަނެއް ދީފާނެ. މިހާރަށް ބަލާ ނަމަ، އެންމެން މާސްކު އަޅައިގެން އުޅުމަކީ އަޅުގަނޑުމެން ރެކޮމެންޑު ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ ފާމަސީތަކާއި އަމިއްލަ ފާމަސީތަކުން ވެސް އަންނަނީ މާސްކު ވިއްކަމުންނެވެ. އެސްޓީއޯ އިން މާސްކު ވިއްކަމުން އަންނަނީ ކޮންޓްރޯލްކޮށްގެން މީހަކަށް ތިން މާސްކުގެ މަގުންނެވެ. އެސްޓީއޯ އިން ދެ ރުފިޔާއަށް މާސްކެއް ވިއްކި ނަމަވެސް، އަމިއްލަ ފާމަސީތަކުން މާސްކު ވިއްކަނީ އަގުބޮޑުކޮށެވެ.