ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށާއި ދެ ދުވަހުގެ ތެރޭގައި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކ. ފުނަދޫގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި ނަމަވެސް ވަކި މުއްދަތެއް ވަންދެން އޭނާ އައިސޮލޭޝަންގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.
"އެމީހާގެ ހާލު ރަނގަޅު. ދެ ދުވަހުގެ ތެރޭގައި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބޭނެ. މިހާރު ވަނީ އިންޑިއާގެ ޕޫނޭއަށް ފޮނުވާފައި. މާދަމާ ހަވީރު ޕޫނޭއަށް ސާމްޕަލްތައް ލިބޭނެ. އަދި 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޝައްކުކުރެވުނު މީހާއާ ކޮންޓެކްޓްވި ފަރާތްތައް ދެނެގަތުމަށް ބެލި ބެލުމުން އެއާޕޯޓުން އޭނާ ގެއަށް ދިޔައީ ކާރެއްގައި ކަމަށާއި ގެއަށް ދިއުމަށްފަހު އޭނާގެ ގޭގައި އިއްތިފާގުން ސިއްހީ ދާއިރާގެ ބޭފުޅަކު ހުރި ކަމަށެވެ. އެއާޕޯޓުން އޭނާގެ ގައިގައި ހުން ހުރި ކަމަށް ނުދެއްކި ނަމަވެސް، އޭނާ މާކެޓަށް ދިޔަ ވާހަކަ އިވުނީމަ، ވަގުތުން އެ މައުލޫމާތު ފޯރުކޮށްދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ އަނެއް ދުވަހު އޭނާ ހިނގާފައި ދިޔައީ ސެނެހިޔާއަށް. ހިނގާފައި ދިއުމުގެ ތެރޭގައި އޭނާ އިތުރު މީހަކާ ކޮންޓެކްޓްވި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައެއް ނެތް. އެކަން ވެސް އަޅުގަނޑުމެން އިންޓަވިއުކޮށް ބަލަމުން ދިޔައީ. އޭނާއާ މުއާމަލާތްކުރި ކޮންމެ މީހަކާ މެދު އަމަލުކުރަން ޖެހޭ ގޮތަށް އަޅުގަނޑުމެން އަމަލުކުރަނީ. ފަރުވާ ދިން ޑޮކްޓަރު ވެސް، މި މިންގަނޑުގެ ތެރެއިން ވާން ޖެހޭ އައިސޮލޭޝަންގައި އެހުރީ. އޭނާގެ އާއިލާގައި ތިބި މީހުން ވެސް އެ ތިބީ އަޅުގަނޑުމެން ބުނާ މިންގަނޑުގެ ތެރޭގައި،" މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ހިނގާފައި ދިޔަ މަގުމަތީގައި ކޮންޓެކްޓެއް ވެފައިވާ މީހެއް ހުރިތޯ ނޫންތޯ ބެލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ބަލަން ޖެހޭނީ ވީހާވެސް ގިނައިން ކޮންޓެކްޓުވާ މީހުން ހޯދައި އެމީހުންނަށް ކުރަން ޖެހޭ ޓެސްޓުތަކެއް ކުރުން ކަމަށެވެ.