ޚަބަރު

ކޮރޯނާއަށް ޝައްކުކުރެވޭ އިތުރު މީހަކު ނެތް، ދެމީހަކު މޮނީޓާކުރަނީ

ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އިތުރު މީހަކު ރާއްޖެ އިން ފެނިފައިނުވާ ކަމަށާއި ނަމަވެސް ޝައްކުކުރެވޭ މީހެއްތޯ ބެލުމަށް ދެމީހަކު މޮނީޓާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ގާއިމުކުރި ހޮޓްލައިނަށް މީހުން ގުޅުމުން އެމީހަކީ ޝައްކުކުރެވޭ މީހެއްގެ ދަރަޖައިގެ މީހެއްތޯ ބެލުމަށް އެމީހުންނާ ސުވާލުކުރާ ކަމަށެވެ. އަދި މޮނީޓާކުރަމުން އަންނަ ދެ މީހުންނަކީ ޗައިނާއަށް ޒިޔާރަތްކުރި ދެމީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިތުރަށް ސަސްޕެކްޓް ކުރެވޭ މީހެއް ނެތް. ސަސްޕެކްޓް ކުރެވޭ މީހެއްތޯ ބެލުމަށް ދެމީހަކު އެބަ ބެލެވޭ. ހޮޓްލައިނަށް ގުޅައި ކޮންމެ މީހަކާ ސުވާލުކުރިޔަސް، ވީހާވެސް ފުޅާމިނެއްގައި ޑަބްލިޔުއެޗްއޯގެ ސަސްޕެކްޓް މިންގަނޑަށް ފެތޭތޯ އަޅުގަނޑުމެން ބަލަން،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ ބެލުމަށްފަހު އެ މިންގަނޑުތަކަށް ނުފެތޭ މީހެއް ކަމަށްވިޔަސް، ސުވާލު އުފެދޭ ހާލަތްތަކުގައި އެމީހެއްގެ ސާމްޕަލް ނެގުމަށްފަހު ފޮނުވާނެ ކަމަށާއި އެއާޕޯޓުގެ ސްކްރީނިން ކެމެރާތަކުން ބެލުމަށްފަހު ހުން ހުރި ކަމަށް ދައްކާނަމަ، އޭނާއާ އައިސޮލޭޝަންގެ ތެރޭގައި ސުވާލުކޮށް މިންގަނޑުތަކަށް ފެތޭތޯ ބަލާ ކަމަށެވެ.

"އެއާޕޯޓުން ފުރަތަމަ ކެމެރާތަކުން އޭނާގެ ހުން ހުންނަ ކަމަށް ދައްކާނަމަ، އޭނާ ގެންގޮސް އައިސޮލޭޝަންގެ ތެރޭގައި ސުވާލުކުރަނީ. އެއާޕޯޓުގައި އަދި އިންނާނެ އިތުރު އައިސޮލޭޝަނެއް. އެ އައިސޮލޭޝަނަށް ގެންގޮސް އެކްސްޓެންސިވްކޮށް އިތުރަށް ބަލަން އޭނާއަކީ ސަސްޕެކްޓަޑް ގިންތިއަށް ފެތޭ މީހެއްތޯ، ނޫންތޯ. އެހިސާބުން އޭނާ ސަސްޕެކްޓަޑް ގިންތިއަށް ފެތޭ ކަމަށްވަންޏާ، ރަސްމީކޮށް އަޅުގަނޑުމެން މި ގެންދަނީ އައިސޮލޭޝަނަށް. އެ ހިސާބުން އޭނާ ސަސްޕެކްޓަޑް މީހެއްގެ ގޮތުގައި އަޅުގަނޑުމެން ބަހައްޓަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ އެއާޕޯޓުގައި ސުވާލުކުރަން މީހަކު ގެންދާ މަގުމަތީގައި ފޮޓޯ ނަގާފައި، އެމީހާއަކީ ކޮރޯނާއަށް ތުހުމަތުކުރެވޭ ފަރާތެއް ކަމަށް ސޯޝަން މީޑިއާގައި ބައެއް ފަރާތްތަކުން އިއުލާންކުރާ ކަމަށާއި އެގޮތަށް ސުވާލުކުރަން ގެންދަނީ ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ ކަށަވަރުކުރުމަށް ސުވާލުކުރަން ކަމަށެވެ.