ޚަބަރު

ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަކަށް ފުލުހުން އަރައި، ހިޝާން ބާލުވައިފި

ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަކަށް ފުލުހުން އަރައި، ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން ބާލުވައިފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ހިޝާން ފުލައިޓުން ބާލާފައިވަނީ މިރޭ ސްރީލަންކާއަށް ފުރަން ތައްޔާރުވެފައި އޮތް ޔޫއެލް 104ގެ ދޮރު ހުޅުވުމަށްފަހު ފުލައިޓަށް އަރައިގެންނެވެ.

ފުލައިޓުން ހިޝާން ބޭލުވިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް މިއަދު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވާ ކަމަށް އެ މުއައްސަސާ އިން ބުންޏެވެ. އޭނާއާ ސުވާލުކުރަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލައިޓުން ބާލުވައި، ހިޝާންއާ ސުވާލުކުރުމަށް އޭނާ ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ އިރު، މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ދާދިފަހުން ފުލުހުންނަށް ހުށަހެޅުމުން އެ މުއައްސަސާ އިން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. ނަމަވެސް ބިރުދެއްކި މައްސަލައިގެ ތަހުގީގަށް މައުލުމާތު ދިނުމަށް އޭނާ އުޒުރުވެރިވާތީ އެ ތަހުގީގަށް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހިޝާނަށް ބިރު ދެއްކި މައްސަލައާ ގުޅިގެން އޭނާއަށް ބިރު ދެއްކި މީހުން ހޯދުމަށް ކަން ހިނގި ތަނާއި މަގު އަދި ބިރުދެއްކި ފަރާތް ފަހަގައިވޭތޯ ސާފުކުރުމަށް ތަކުރާރުކޮށް މައްސަލަ ހުށަހެޅި ފަރާތަށް ގުޅައިގެން ކުރި މަސައްކަތުން ވެސް އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާތީ އާއި ބައްދަލުކުރުމަށް ވެސް އުޒުރުވެރިވަމުންދާތީ އެ މައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައިވާ ނުވާ ކަމަށެވެ.

ހިޝާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަހުގީގު ހިންގާ ފަރާތުންނާއި ވިކްޓިމް ސަޕޯޓުން ހިޝާންއާ ބައްދަލުކުރުމަށް އޭނާ ދިރިއުޅޭ ތަނަކަށް ދިއުމަށް މިވަގުތު އޭނާ އުޒުރުވެރިވާތީ އެ މައްސަލައިގެ ތަހުގީގުކުރުމަށް ހުރަސްއެޅިފައިވާ ކަމަށާއި ސީސީޓީވީ ފުޓޭޖް ހޯދުމަށް ހިޝާނަށް ބިރު ދެއްކި ތަނާއި ބިރު ދެއްކި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާތީ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޝާނަށް ބިރުދެއްކި މައްސަލައާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނުކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށާއި އެވަރުން ފުދޭ ކަމަށެވެ. އެެހެންކަމުން ދެން ބޭނުންވަނީ ގައުމު ދޫކޮށް ދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޝާންއަކީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެކަން ކަމާގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރައްވާ ފަރާތެކެވެ. އޭނާ އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނިކަމެތިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދެއްވަމުންނެވެ.