ޚަބަރު

ވައުދުތައް ފުއްދަން ފަސޭހަވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން: ރައީސް

އަހުމަދު ވަޖީފު

2

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތައް ފުއްދަވަން ފަސޭހަވާނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅުގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދަވަން ފަސޭހަވާނީ ލޯކަލް ކައުންސިލްތަކަށް އެމްޑީޕީގެ މެމްބަރުން އިންތިހާބުކޮށްގެން ކަމަށާއި އެ ޕާޓީގެ ކެންޑިޑޭޓުންނަކީ އެންމެ ގާބިލު ކެންޑިޑޭޓުން ކަމަށެވެ.

އެތެރޭގެ އިންތިހާބުތަކަށް އެމްޑީޕީއަކީ ވަރަށް ފަރިތަ ޕާޓީއެއް ކަމަށާއި އެގޮތުން މިހާރު ކުރިއަށްގެންދާ ޕްރައިމަރީގެ އިންތިޒާމު ވެސް ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މި ޕްރައިމަރީއަކީ ޑިމޮކްރަސީއަށް ނަމޫނާއެއް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު މެންދުރުފަހު 2:30ގައެވެ. ވޯޓުލުން މިރޭ 7:30އާ ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

ދަރުބާރުގޭގައި ބަހައްޓާފައިވަނީ މާލޭގެ ވޯޓު ފޮށިތަކެވެ. ކަލާފާނު ސްކޫލުގައި ގދ. އަތޮޅާއި ގއ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވަނީ އައްޑޫ ސިޓީ އާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅު އަދި ދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅު އަދި އދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ.

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވަނީ ފުވައްމުލަކު ސިޓީ އާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އެމްޑީޕީ ހަރުގޭގައި ތ. އަތޮޅާއި ލ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މުހިއްޔިއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ވިލިމާލޭގެ ވޯޓު ފޮއްޓެވެ. އަދރެހެންދި ސްކޫލުގައި ބަހައްޓާފައިވަނީ ހުޅުމާލޭގެ ވޯޓު ފޮއްޓެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟