ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހު ވޯޓުލައްވައިފި

އަހުމަދު ވަޖީފު

އެމްޑީޕީ ޕްރައިމަރީގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީން ކުރިއަށްގެންދާ ޕްރައިމަރީގައި ރައީސް ސޯލިހު ވޯޓުލެއްވީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅުގެ ފޮއްޓަކަށެވެ.

ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަހުމަދާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވޯޓުލައްވައިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު މެންދުރުފަހު 2:30ގައެވެ. ވޯޓުލުން މިރޭ 7:30އާ ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

ދަރުބާރުގޭގައި ބަހައްޓާފައިވަނީ މާލޭގެ ވޯޓު ފޮށިތަކެވެ. ކަލާފާނު ސްކޫލުގައި ގދ. އަތޮޅާއި ގއ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވަނީ އައްޑޫ ސިޓީ އާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅު އަދި ދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅު އަދި އދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ.

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވަނީ ފުވައްމުލަކު ސިޓީ އާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އެމްޑީޕީ ހަރުގޭގައި ތ. އަތޮޅާއި ލ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މުހިއްޔިއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ވިލިމާލޭގެ ވޯޓު ފޮއްޓެވެ. އަދރެހެންދި ސްކޫލުގައި ބަހައްޓާފައިވަނީ ހުޅުމާލޭގެ ވޯޓު ފޮއްޓެވެ.