އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދަޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގައި ދަރުބާރުގޭގައި ހުންނަ މާލޭގެ ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށްފަހު ރާއްޖެ ޓީވީއަށް ދެެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތްތަކުން އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބުވާނެކަން އެ އަސާސުން ވެސް ހާމަވެގެންދާ ކަމަށާއި އެގޮތުން ޕާޓީގެ ޕްރައިމަރީގައި ހުރި ފޯރީއާއި ކެމްޕޭން ޓީމުތަކުގެ ބޮޑުކަމަކީ އެކަން ޔަގީންވާކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހިނގައިގަތުމުން އުޖާލާ ފަތިހަކަށް ރައްޖެ އަލިވިލިގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު މެންދުރުފަހު 2:30ގައެވެ. ވޯޓުލުން މިރޭ 7:30އާ ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.
ދަރުބާރުގޭގައި ބަހައްޓާފައިވަނީ މާލޭގެ ވޯޓު ފޮށިތަކެވެ. ކަލާފާނު ސްކޫލުގައި ގދ. އަތޮޅާއި ގއ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވަނީ އައްޑޫ ސިޓީ އާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅު އަދި ދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅު އަދި އދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ.
އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވަނީ ފުވައްމުލަކު ސިޓީ އާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އެމްޑީޕީ ހަރުގޭގައި ތ. އަތޮޅާއި ލ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މުހިއްޔިއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ވިލިމާލޭގެ ވޯޓު ފޮއްޓެވެ. އަދރެހެންދި ސްކޫލުގައި ބަހައްޓާފައިވަނީ ހުޅުމާލޭގެ ވޯޓު ފޮއްޓެވެ.