ޚަބަރު

ގާސިމުގެ ތައުރީފު ސަލާމަތީ ބާރުތަކަށް: ނަފުސަށްވުރެ ގައުމު އިސްކޮށް، ފުރަތަމަ ނުކުންނަ ބަޔަކީ ސިފައިންނާއި ފުލުހުން

އަހުމަދު ވަޖީފު

އަމިއްލަ ނަފްސަށް ވުރެން ގައުމު އިސްކޮށް، ވާޖިބު އަދާކުރުމަށް ނުކުންނަނީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަލާމަތީ ބާރުތަކަށް ތައުރީފުކުރައްވައިފިއެވެ.

ގާސިމް އެހެން ވިދާޅުވެފައިވާ އިރު، ރާއްޖެއިން ފެނުނު ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ ދިވެހި މީހާ ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމުގައި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ނުރައްކަލެއް ދިމާވާ ކޮންމެ ވަގުތަކު ގައުމު އިސްކޮށް ވާޖިބު އަދާކުރަނީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށެވެ. އެހެންކަމުން ހިތުގެ ލޮތްބާއި އިހުތިރާމާއި، ޝުކުރު ވަނީ އެ ދެ މުއައްސަސާއާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖެ އިން ފެނުނު ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާއަކީ ޗައިނާއަށް ޒިޔާރަތްކުރި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާއަކީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވާ މީހެކެވެ. އެއީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަދި އިތުރަށް ބަލައި މޮނީޓާކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ މިންގަނޑެކެވެ.