ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް، ރައީސް ނަޝީދު ވޯޓު ލައްވައިފި

1

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު މެންދުރުފަހު 2:30ގައެވެ. ވޯޓުލުން މިރޭ 7:30އާ ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގެ ހަ ތަނެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފައެވެ. އޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓައިފައެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދަރުބާރުގޭގައި ހުންނަ ފޮއްޓަކަށް ވޯޓު ލައްވައިފައެވެ.

ދަރުބާރުގޭގައި ބަހައްޓާފައިވަނީ މާލޭގެ ވޯޓު ފޮށިތަކެވެ. ކަލާފާނު ސްކޫލުގައި ގދ. އަތޮޅާއި ގއ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވަނީ އައްޑޫ ސިޓީ އާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅު އަދި ދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅު އަދި އދ. އަތޮޅުގެ ވޯޓު ފޮށިތަކެވެ.

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވަނީ ފުވައްމުލަކު ސިޓީ އާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ވޯޓު ފޮށިތަކެވެ. އެމްޑީޕީ ހަރުގޭގައި ތ. އަތޮޅާއި ލ. އަތޮޅުގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިރު، މުހިއްޔިއްދީން ސްކޫލުގައި ބަހައްޓާފައިވަނީ ވިލިމާލޭގެ ވޯޓު ފޮއްޓެވެ. އަދރެހެންދި ސްކޫލުގައި ބަހައްޓާފައިވަނީ ހުޅުމާލޭގެ ވޯޓު ފޮއްޓެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ހަމަޖައްސާފައިވާ ކައުންސިލް ތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް ވާދަކުރުމަށް ޕްރައިމަރީއަކާ ނުލައި 390 ފަރާތަކަށް ޓިކެޓް ހަވާލު ކޮށްފައިވާ ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމަށް ހަތް ބޭފުޅަކު ވާދަކުރައްވައެވެ. އެއީ މިހާރު ވެސް މާލެ ސިޓީގެ ކައުންސިލަރުކަން ކުރައްވާ އަހުމަދު ނިޔާޒާއި މާލެ ސިޓީގެ ފުރަތަމަ މޭޔަރު އާދަމް މަނިކާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފާއި އިބްރާހިމް ރަޝީދު މޫސާ އަދި އަބްދުﷲ ސައީދެވެ.

އައްޑޫ ސިޓީ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ އަހުމަދު އަދުހަމާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރުގެ އިތުރުން މިހާރު މޭޔަރަކަށް ހުންނެވި އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ފުވައްމުލަކު ސިޓީ މޭޔަރު ކަމަށް ވާދަކުރައްވަނީ ހަތަރު ބޭފުޅެކެވެ. އެއީ މުހައްމަދު ނިޒާމް ހަސަނާއި މިހާރު މޭޔަރަކަށް ހުންނެވި އަބްދުﷲ ފަލާހު ޝަރީފާއި އިސްމާއިލް ރަފީގު އަދި އަހުމަދު މުހައްމަދެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ދެ ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް، ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި އަހުމަދު އާތިފު ނަން ނެންގެވުމުން މޭޔަރުކަމަށް ދެން ކުރިމަތިލައްވާފައިވާ މުހައްމަދު އާތިފަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟