ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ ދިވެހި މީހާ ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމުގައި ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
ރާއްޖެ އިން ފެނުނު ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާއަކީ ޗައިނާއަށް ޒިޔާރަތްކުރި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވި ސިފައިންނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ތައުރީފުކުރައްވައިފައެވެ.
މާރިޔާ ކުރެއްވި ޓުވީޓެއްގައި ވަނީ ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ އާއިލާތަކަށް ރައްކާތެރިކަން ދެއްވުމަށާއި ކަރަންޓީނު ކުރި މީހާއަށް އަވަސް ޝިފާއެއް ދެއްވުމަށް ދުއާ ދަންނަވައިފައެވެ. މިނިސްޓަރު ވަނީ ކަރަންޓީނު ކުރުމުގައި ސިފައިން ހަރަކާތްތެރިވާ ފޮޓޯތައް ވެސް ހިއްސާކުރައްވައިފައެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާ ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމުގައި ހަރަކާތްތެރިވި ސިފައިންނަށް ތައުރީފުކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ކާރިސާތަކުގައި އެމްއެންޑީއެފުން އަބަދުވެސް ކުރީ ސަފަށް ނުކުންނާނެ ކަމަށާއި ސިފައިންނަށް އެންމެ މުހިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހާއަކީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވާ މީހެކެވެ. އެއީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަދި އިތުރަށް ބަލައި މޮނީޓާކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ މިންގަނޑެކެވެ.